އެއް ބަޔަކަށް އެއީ ކުންޏަށް ވިއަސް، އަނެއް ބަޔަކަށް އެއީ ޖަވާހިރަކަށްވެސް ވެދާނޭ ބުނެއުޅޭ ބަހުގެ ސާފު މިސާލެކެވެ. ދުނިޔޭގެ އެންމެ ބޮޑު، އަނގަމަތި ހާ ޖަލުގެ ގޮތުގައި ސިފަ ކުރާ، ފަލަސްޠީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ އަލް-މުޣްރަޤާއޭ ކިއާ ސަރަޙައްދެކެވެ. ސަމާލުކަން ގޮސް ހުއްޓުނީ އެ ސަރަޙައްދުގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ފަންނުވެރިއެއް ކަމަށް ވާ އައްސާފް އަލް-ޚިރުތީގެ މަސައްކަތަށެވެ. ޚިރުތީގެ މަސައްކަތަކީ، ބޭނުން ނެތިގެން އުކާލާފައި ހުންނަ ބާ ދަގަނޑުތަކާ، ކަޓަރާއި އިސްކުރު އަނބުރާ ކަށިގަނޑު ކަހަލަ އާލާތްތަކުގެ ތެރެއިން މީހުން ބޭނުން ނެތިގެން ދޫކޮށްލާފައި ހުންނަ ސަމާނު ބޭނުންކޮށްގެން ފަންނުވެރި އީޖާދުތަކެއް ކުރުމެވެ.
އޭނާގެ ފަންނުވެރި އީޖާދުތަކަށް ބޭނުންވާ ބާދަގަނޑު އެއްކުރުމުގެ މަސައްކަތް ކުރަނީވެސް ހަމަ އޭނާގެ އަމިއްލަ ދެ އަތުންނެވެ. އެކަން ކުރަނީ، ބާދަގަނޑު އުކާލާ ކުނިގޮނޑުތަކަށް ގޮސް، ގޮނޑުހޮވައިގެންނެވެ. އުކާލާފައި ހުންނަ ބާދަނޑުގެ ބައިތައް ބޭނުންކޮށްގެން ޚިރުތީ ތައްޔާރުކޮށްފައިވާ ބައެއް ސާމާނުގެ ތެރޭގައި ހެދުން އަޅާ ޒާތުގެ ފޮއްޓަކާ، މީހެއްގެ ތަސްވީރުގެ އިތުރުން ކުދިން ސްކޫލަށް ގެންދާ ކަހަލަ ދަބަސްވެސް ހިމެނެއެވެ.
މީ ބާ ދަގަނޑަކަސް، މިތަކެތި މި ރަމްޒުކޮށްދެނީ މި ބިމުގަ ހިނގާ ކަންކަން. ބާ ދަގަނޑުން ހަދާފަ އޮތް ފޮށި މިސާލަކަށް، މި ރަމްޒުކޮށްދެނީ ހިޖުރަ ކުރުން. ސްކޫލް ދަބަސް މި ރަމްޒުކޮށްދެނީ ކިޔަވާ ކުދިން އުފުލަމުންދާ ތަކުލީފުތައްމޫސާ އަލް-ބަލާވީ؛ ދަގަނޑުގެ މަސައްކަތްކުރާ ވޯކްޝޮޕެއްގައި އުޅޭ މީހެއް
ޚިރުތީ ބުނާ ގޮތުން ވިއްޔާ، އޭނާގެ މަސައްކަތުން ރަމްޒުކޮށްދެނީ، ޣައްޒާ ތެރޭގައި ދިރިއުޅޭ ފަލަސްޠީނުގެ ޒުވާނުންގެ ޢާންމު ދިރިއުޅުމެވެ. އެ ސަރަޙައްދަށް ހިޖުރަކުރި މީހުން އުފުލަމުންދާ ތަކުލީފުތަކެވެ.
ކޮންމެ ދަގަނޑުކޮޅެއްވެސް މި ރަމްޒުކޮށްދެނީ ވަކި ކަމެއް. އިސްކުރު އަނބުރާ ކަށިގަނޑުތަކާ، ކަޓަރު ކަހަލަ އެއްޗިހި ބޭނުން މި ކުރަނީ، މި ބަލާ މީހުންނާ ގާތް ގުޅުމެއް އޮންނާނެތީ. ދަގަނޑުން ހަދާފަ އޮތް މި ސޫޓްކޭސް ތައްޔާރު ކުރުމުގެ ބޭނުމަކީ، ޣައްޒާގެ ޒުވާން ހިޖުރަވެރިން އުފުލާ ތަކުލީފުތަކަށް އަލިއަޅުވާލުންއައްސާފް އަލް-ޚިރުތީ؛ ފަލަސްޠީނުގެ ފަންނުވެރިއެއް
ޣައްޒާގައި ވަޒީފާ ނެތް މީހުންގެ ޢަދަދު، އާބާދީގެ ގާތްގަނޑަކަށް 50 ޕަސެންޓަށް އަރައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އިންތިހާ ފަޤީރު ކަމުގައި އުޅޭ މީހުންގެ ނިސްބަތަކީ ގާތްގަނޑަކަށް 53 ޕަސެންޓްއެވެ. އަދި އާބާދީގެ 80 ޕަސެންޓް މީހުންނަކީ ބައިނަލްއަޤުވާމީ އެހީއަށް ބަރޯސާވެގެން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުންދާ މީހުންކަންވެސް ފާހަގަ ކުރަން ޖެހެއެވެ.
އަހަރެން ބޭނުންވީ އުކާލާފަ ހުންނަ ބާ ދަގަނޑާއި، މީހުން ބޭނުން ނުކޮށް ހުންނަ އެކި ކަހަލަ އާލާތްތައް ބޭޏުންކޮށްގެން އަހަރަމެންގެ ޙައްޤުތަކަށް ވަކާލާތު ކުރަން. އަހަރަމެންގެ ތެރޭގަ ހުރި އިޖުތިމާޢީ މައްސަލަތަކާ، ޣައްޒާއަށް ކުރިމަތިލާން ޖެހިފައިވާ މައްސަލަތަކަށް ރިޢާޔަތް ކުރަންއައްސާފް އަލް-ޚިރުތީ؛ ފަލަސްޠީނުގެ ފަންނުވެރިއެއް
ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ޣައްޒާއަކީ އެންމެ ބޮޑަށް ތޮއްޖެހިފައި ވާ އެއް ސިޓީއެވެ. އެއް ކޮޅުން ކަނޑާ ގުޅި، އަނެއް ތިންކޮޅުން ބައްދާލެވިފައި އޮތް ޣައްޒާގެ އާބާދީ، ގާތްގަނޑަކަށް 2.3 މިލިއަނަށް އަރައެވެ. އިޒްރޭލުގެ ފިއްތުންތަކާއެކު، މިދިޔަ 15 ވަރަކަށް އަހަރު ދުވަހު، ޣައްޒާގެ ރަށްވެހިންނަށް، މަދު ފަހަރަކު ނޫނީ އެ ސަރަޙައްދުން ބޭރަށް ދެވިފައެއް ނެތެވެ.
2008 ވަނަ އަހަރުން ފެށިގެން އެކަނިވެސް އިޒްރޭލުން ވަނީ ޣައްޒާއާ ދެކޮޅަށް 4 ހަނގުރާމައެއް ކޮށްފައެވެ. ޣައްޒާއަކީ މިޞްރާވެސް ބޮޑަރު ހިއްސާކުރާ ސަރަޙައްދަކަށް ވާ އިރު، މިޞްރުންވެސް ދަނީ ޣައްޒާއާ ދެކޮޅަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ޣައްޒާއަކީ ފަލަސްޠީނުގެ ބިމެއް ނަމަވެސް، އެ ސަރަޙައްދު ކޮންޓްރޯލް ކުރަމުން ދަނީ ހަމާސް ޖަމާޢަތުންނެވެ. ނަތީޖާއެއްގެ ގޮތުން، ފަލަސްޠީނުގެ މައި ސަރުކާރުގެ ފަރާތުންވެސް ޣައްޒާއަށް ފިއްތުންތައް ކުރިމަތި ކުރެއެވެ.