ކ. މާލެ
|
28 ފެބްރުއަރީ 2023 | އަންގާރަ 10:49
އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން
އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން
ރާއްޖެއެމްވީ
އެމްޑީޕީ ޕްރައިމަރީ
އެމްޑީޕީ ޕްރައިމަރީއާ ގުޅޭ މައްސަލައިގެ ޝަރީއަތް ފަސްކޮށްފި
އަންނަ ހަފްތާގެ އާދިއްތަ ދުވަހަށް އެ އަޑުއެހުން ވަނީ ފަސްކޮށްފައި
އެ މައްސަލައިގައި މައިގަނޑުގޮތެއްގައި އެދިފައިވަނީ އެމްޑީޕީގެ ޕްރައިމަރީ އަލުން ބޭއްވުމަށް
ފެބްރުއަރީ 28 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މައްސަލައިގެ އަޑުއެހުން ކުރިން ތާވަލުކުރި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ޕްރައިމަރީއާ ގުޅިގެން އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ފަސްކޮށްފިއެވެ.

އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެން ތިން މައްސަލައެއް ހުށަހަޅައިފައިވާއިރު، އޭގެ ތެރެއިން އަމިއްލަ ފަރާތެއް ކަމަށްވާ އަލީ އަމްޖަދު ހުށަހަޅައިފައިވާ މައްސަލައެއް ބަލައިގަނެ، ފެބްރުއަރީ 28 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މައްސަލައިގެ އަޑުއެހުން ތާވަލުކުރިއެވެ.

އެ މައްސަލައިގައި މައިގަނޑުގޮތެއްގައި އެދިފައިވަނީ އެމްޑީޕީގެ ޕްރައިމަރީ އަލުން ބޭއްވުމަށެވެ.

އެހެންނަމަވެސް، އަންގާރަ ދުވަހަށް ތާވަލުކުރި އަޑުއެހުން ވަނީ ފަސްކޮށްފައެވެ. އެގޮތުން އަންނަ ހަފްތާގެ އާދިއްތަ ދުވަހަށް އެ އަޑުއެހުން ވަނީ ފަސްކޮށްފައެވެ.

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވީ 61 އިންސައްތަ ނުވަތަ 24،566 ވޯޓުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 38 އިންސައްތަ ނުވަތަ 15،641 ވޯޓެވެ. 57،255 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 40،887 މީހުންނެވެ.

އިންތިޚާބަށްފަހު ރައީސް ޞާލިހަށް މިހާރުއަށް ވަނީ ރަސްމީކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓްވެސް ހަވާލުކޮށްފައެވެ. ޓިކެޓް ދިނުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދި ވެސް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއާ މެދު ބަޔަކު ހިތްހަމަނުޖެހުނަސް އެ ޕާޓީން ފަހަތަށް ނުޖެހޭނެއެވެ. އަދި، ރިޔާސީ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުކޮށްދޭން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ރިޔާސީ ޕްރައިމަރީއާއެކު އެމްޑީޕީގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހިޔާލުތަފާތުވުންތައް އެބަހުރި ކަމަށެވެ. ޑިމޮކްރަޓިކް ޕްރޮސެސްއެއްގެ ތެރޭގައި ކަންކަން ނިމެމުންދާއިރު އާއި އެންމެން ވަކާލާތުކުރި ކަންކަން ތަންފީޒުކުރެވިގެންދާއިރުގައި ނަތީޖާއަށް އަންނަ ބަދަލާއި ގުޅިގެން ހިތްހަމަނުޖެހުމަކީ އިންސާނީ ތަބިއްޔަތުގައި ހުންނަކަމެއް ކަމަށާއި އެކަމާއި މެދު ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

- ކޮމެންޓް