އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ކަލާފާނުން ކުޅުނު ތިން ވަނަ މެޗުގައި އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށްފި އެވެ.
އާދިއްތަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރިއިރު، ގްރޫޕް އޭ ގައި ކަލާފާނުން ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އަޙުމަދިއްޔާ ވަނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން ބަލިވެފަ އެވެ.
މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ކަލާފާނަށް ލީޑު ނަގައިދިނީ އަޙުމަދު އަފްނާން އަލީ އެވެ. އޭގެ ފަހުން 12 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ އާކިފް ބިން މުޙައްމަދު އެވެ. ދެ ވަނަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން އާކިފް ވަނީ އިތުރު ލަނޑެއް ޖަހައި ކަލާފާނުގެ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ. މެޗުގައި އަޙުމަދިއްޔާގެ ހަމައެކަނި ލަނޑު 23 ވަނަ މިނެޓުގައި ޖެހީ މުޙައްމަދު އަލްސަން ނާސިފް އެވެ. އޭގެ ހަތަރު މިނެޓު ފަހުން އަލްސަން އަޙުމަދު ނަސީމް ވަނީ ކަލާފާނުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. ކަލާފާނުގެ ފަސް ވަނަ ލަނޑު ޖެހީ މެޗުގެ 35 ވަނަ މިނެޓުގައި އަނާން އިބްރާހީމް އެވެ.
މި މޮޅާއެކު ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެން ގްރޫޕްގެ އެއް ވަނައިގައި އޮތީ ވެސް ކަލާފާނު ސްކޫލް އެވެ.