ކ. މާލެ
|
26 ފެބްރުއަރީ 2023 | އާދީއްތަ 22:16
ފޯ ނޭޝަންސް ކަޕްގެ ސެމީ ފައިނަލްގައި ރާއްޖެ އާއި މެލޭޝިޔާ ކުޅުނު މެޗުގެ ތެރެއިން
ފޯ ނޭޝަންސް ކަޕްގެ ސެމީ ފައިނަލްގައި ރާއްޖެ އާއި މެލޭޝިޔާ ކުޅުނު މެޗުގެ ތެރެއިން
ކުޅިވަރާ ބެހޭ ވުޒާރާ
ފޯ ނޭޝަންސް ކަޕް
މެލޭޝިޔާ މާ މޮޅު، ރާއްޖެ ކަޓައިފި
މުބާރާތުގެ ފައިނަލްގައި މެލޭޝިޔާ ނިކުންނާނީ ސިންގަޕޫރާ ދެކޮޅަށް

ފޯ ނޭޝަންސް ކަޕް ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލްގައި މެލޭޝިޔާ އަތުން ބަލިވެ ރާއްޖެ ކަޓައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅުނު ސެމީ މެޗު މެލޭޝިޔާ އިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަަމަ ސެޓުގައި ރާއްޖެ އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ސެޓު ފަށައިގެން ލީޑު ކުރަމުން ގެންދިޔައީ ވެސް މެލޭޝިޔާ އިންނެވެ. މެލޭޝިޔާ އިން ގެންދިޔައީ ސެޓުގައި 19-10 އިން ލީޑު ކުރަމުންނެވެ. ސެޓުގައި މެލޭޝިޔާގެ މުޙައްމަދު ފަހްމީ ބިން މަދްޒްލާން ވަނީ ރަނގަޅު އެޓޭކްތަކެއް ކޮށްފަ އެވެ. އެ ލީޑުގައި އޮވެ މެލޭޝިޔާ އިން ސެޓު ނިންމާލީ 25-14 އިންނެވެ. ދެ ވަނަ ސެޓަށް ނިކުމެ ރާއްޖެ އިން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ސެޓުގައި ރާއްޖޭގެ އާދަމް ފައިރޫޒްގެ ބާރު ހަމަލާއެއް ފެނުނުއިރު، ކެޕްޓަން އަލީ ހުޒާމް (ހުޒަންޓޭ) ވެސް ވަނީ ރަނގަޅު އެޓޭކެއް ކޮށްފަ އެވެ. ނަމަވެސް ކުރީ ސެޓެކޭ އެއް ގޮތަށް މި ސެޓުގައި ވެސް ރާއްޖޭގެ ޑިފެންސް ގައި ވަނީ ގޯސްތަކެއް ހެދިފަ އެވެ. ސެޓުގައި ރާއްޖެ އިން ޓައިމް އައުޓެއް ނެގިއިރު، މެލޭޝިޔާ އިން ލީޑު ކުރަމުން ދިޔައީ 6-2 އިންނެވެ. އޭގެ ފަހުން ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ޙުސެއިން ރަޒާންގެ ކާމިޔާބު އެޓޭކަކުން ރާއްޖެ އިން ވަނީ ޕޮއިންޓު ހޯދައިފަ އެވެ. ނަމަވެސް މެލޭޝިޔާގެ އެޓޭކުތައް ހުއްޓުވުމުގައި ރާއްޖެއަށް އެދެވޭ މަސައްކަތެއް ނުކުރެވުނުއިރު، މެލޭޝިޔާ އިން ވަނީ 12-5 އަށް ލީޑު ފުޅާކޮށްފަ އެވެ. މެލޭޝިޔާ އިން ދިޔައީ ރާއްޖެ އިން ކުރަމުން އައި އެޓޭކުތައް ބްލޮކުކޮށް، މުހިންމު ބޯޅަތަކަކަށް ކުޅެމުންނެވެ.

މި ސެޓުގައި ވެސް ރާއްޖެ އަށް އެންމެ ބޮޑަށް ދިމާވި އެއް މައްސަލައަކީ ޑިފެންސްގެ މައްސަލަ އެވެ. ސެޓުގައި ރާއްޖެ އިން ވަނީ ރަނގަޅު އެޓޭކުތަކެއް ކޮށްފަ އެވެ. ޒުވާން ކުޅުންތެރިޔާ ރަޒާން އާއި ޙަސަން ނިލާމް (ޕާޓޭ) އަދި ހުޒަންޓޭ ވަނީ ރަނގަޅު އެޓޭކުތަކެއް ކޮށްފަ އެވެ. ޑިފެންސްގެ އިތުރުން އެންމެ ބޮޑު މައްސަލައެއް ރާއްޖެ އަށް ދިމާވީ ސާވިސްގަ އެވެ. ރާއްޖޭގެ ރަޒާން، ޕާޓޭ އާދަމް ފައިރޫޒް އަދި ސެޓަރު ޙުސެއިން ޝާހިދު (ޝާޑު)ގެ ސާވިސްތަކެއް ވަނީ ގެއްލިފަ އެވެ. ސެޓުގެ މެދާ ހަަމައިން ލީޑު ކުރަމުން ދިޔަ މެލޭޝިޔާ އިން ދެ ވަނަ ސެޓު ކާމިޔާބު ކުރީ 25-18 އިންނެވެ. ތިން ވަނަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ރާއްޖޭގެ ހުޒަންޓޭ ބާރު އެޓޭކުތަކެއް ކުރިއިރު، ފައިރޫޒް ވަނީ މުހިންމު ބޯޅަތަކެއް ބްލޮކުކޮށްފަ އެވެ. ރާއްޖެ އިން ވަނީ ސެޓުގައި 4-6 އިން ލީޑު ނަގައިފަ އެވެ. މި ސެޓުގައި މެލޭޝިޔާ އިން ނަތީޖާ ހަމަހަމަކޮށް އަލުން ލީޑު ނެގީ 8-7 އިންނެވެ. ނަމަވެސް ރާއްޖެ އިން ކުޅުން ރަނގަޅުކޮށް ދެ ޕޮއިންޓުގެ ލީޑެއް ނެގީ ރަޒާންގެ ބާރު އެޓޭކުންނެވެ. ރާއްޖެ އަށް ލީޑު ހިފެހެއްޓޭ ގޮތް ނުވެ މެލޭޝިޔާ އިން ވަނީ 13-11 އިން ލީޑު ނަގައިފަ އެވެ.

މެލޭޝިޔާ އިން ތިން ވަަނަ ސެޓުގައި ލީޑު 19-15 އަށް ފުޅާ ކުރީ އެ ޓީމުގެ ފަހްމީގެ ސާވިސްތައް ރާއްޖޭގެ ކުޅުންތެރިންނަށް ރިސީވް ނުކުރެވިގެންނެވެ. ޖުމުލަކޮށް މުޅި މެޗުގައި ވެސް ރާއްޖޭގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. މެލޭޝިޔާ އިން މުޅި ތިން ވަނަ ސެޓު ކުޅެމުން ދިޔައީ ބޮޑު ލީޑުގައި އޮވެ އެވެ. ސެޓުގެ ފަހު ކޮޅު ރާއްޖެ އިން ވަނީ 23-20 އަށް ލީޑު ކުޑަކޮށްފަ އެވެ. އެއާއެކު މެލޭޝިޔާ އިން ނެގި ޓައިމް އައުޓަށް ފަހު ވެސް ރާއްޖެ އިން ވަނީ ޕޮއިންޓެއް ހޯދައިފަ އެވެ. ނަމަވެސް މުހިންމު ވަގުތުގައި ޙުސެއިން ވިސާމް (ބުޅިކޭ) ގެ ސާވިސް ނާކާމިޔާބުވެ، މެލޭޝިޔާ އިން ވަނީ ސެޓުގެ ގޭމް ޕޮއިންޓު ހޯދައިފަ އެވެ. ރާއްޖެ އަށް 24-23 އަށް ނަތީޖާގެ ފަރަގު ކުޑަވީ ޙުސެއިން ޔޫސުފް (ޓޯއީ)ގެ ކާމިޔާބު ސާވިސް އިންނެވެ. ނަމަވެސް ލިބުނު ފުރުސަތުގައި މެލޭޝިޔާ އިން ފޮނުވާލި އެޓޭކް ރާއްޖެ އަށް ޑިފެންސް ނުކުރެވުމުން މެލޭޝިޔާ އިން ސެޓު ނިންމާލީ 25-23 އިންނެވެ.

މުބާރާތުގެ ފައިނަލްގައި މެލޭޝިޔާ ނިކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.

- ކޮމެންޓް