ތައިލެންޑްގައި މިހާރު ކުރިއަށްދާ އޭސީސީ ޗެލެންޖަރސް ކަޕްގައި ބަހުރެއިން އަތުން ރާއްޖެ ބަލިވެއްޖެއެވެ.
ބަހުރެއިންއިން ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް ބަލިކުރީ 292 ލަނޑުންނެވެ. ބަހުރެއިންއިން ވަނީ 50 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 380 ލަނޑު ހަދާފައެވެ. ރާއްޖޭގެ ހުރިހާ ކުޅުންތެރިން 31.3 އޯވަރުގެ ތެރޭގައި ނުބައިވިއިރު ހެދުނީ 88 ލަނޑެވެ. ރާއްޖޭގެ ޓީމުން އެންމެ ގިނަ ލަނޑު ޖެހީ މުޙައްމަދު މަހުފޫޒްއެވެ. އޭނާ 35 ލަނޑު ހެދިއެވެ. ކެޕްޓަން އާދަމް ނާސިފް އުމަރު 12 ލަނޑު އަދި މުޙައްމަދު ރިޝްވާން 10 ލަނޑު ހެދިއެވެ.
ބަހުރެއިން ޓީމުން ޝަހުބާޒް ބަދަރު 178 ލަނޑު ހެދިއެވެ. ދެން އެންމެ ގިނަ ލަނޑު ހެދީ 75 ލަނޑު ހެދި ޖުނެއިދު އަޒީޒުއެވެ. ރާއްޖެއިން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 27 ލަނޑުން އިރާން ބަލިކޮށްފައެވެ. އެހެންކަމުން ސެމީފައިނަލްގެ ފުރުޞަތު އަދި އެބައޮތެވެ. އެއީ މިހާތަނަށް ކުޅުނު ދެމެޗުން ބަލިވެފައިވާ ބޫޓާން ބަލިކޮށްގެންނެވެ. އެމެޗު ކުޅޭނީ އަންގާރަ ދުވަހުއެވެ.
މިމުބާރާތުގެ ފައިނަލަށް ދަތުރުކުރާ ދެޓީމަށް އޭޝިޔަން ކަޕް ކޮލިފައިންގެ ދެވަނަ މަރުހަލާއިން ޖާގަ ލިބޭނެއެވެ.