އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށް، މުޙްޔިއްދީނުން މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މުޙްޔިއްދީނުން ކާމިޔާބު ކުރީ 5-3 އިންނެވެ. މި މެޗަށް ކުރިމަތިލީއިރު ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ. މުޙްޔިއްދީނުގެ ފުރަތަމަ މެޗުގައި ރެހެންދި އަތުން ބަލިވީއިރު، ބްރައިޓްވޭ ވެސް ބަލިވީ ރެހެންދި އަތުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މުޙްޔިއްދީނުން ވަނީ ތިން ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ ޔޫސުފް އަލްވިން އަޙުމަދު އެވެ. އެއީ 10 ވަނަ މިނެޓާއި، 17 ވަނަ މިނެޓު އަދި 30 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުތަކެވެ. ދެ ވަނަ ހާފަށް ނުކުމެ ބްރައިޓްވޭގެ ފުރަތަމަ ލަނޑު 40 ވަނަ މިނެޓުގައި ޖެހީ މުޙައްމަދު އައިދާން އަޙުމަދު އެވެ. އޭގެ ހަތް މިނެޓު ފަހުން އަލްވިން ވަނީ މުޙްޔިއްދީނުގެ ހަތަރު ވަނަ ލަނޑު ޖަަހައިފަ އެވެ. އޭގެ ފަހުން ގާތް ގާތުގައި ބްރައިޓްވޭ އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެއީ ޒުކާން ޢަަބްދުއް ޝުކޫރު އާއި މުޙައްމަދު މުޝާޝް މުއާވިޒް ޖެހި ލަނޑުންނެވެ. ބްރައިޓްވޭ އިން ފަރަގު އެއް ލަނޑަށް ކުޑަކޮށްފައި ވަނިކޮށް، މުޙްޔިއްދީނުގެ ފަސް ވަނަ ލަނޑު ޖެހީ މުޙައްމަދު އައިހަމް އިބްރާހީމް އެވެ.
މި މޮޅާއެކު މުޙްޔިއްދީނު އޮތީ މި ގްރޫޕްގެ ދެ ވަނައިގަ އެވެ. އެއީ ދެ މެޗުން ތިން ޕޮއިންޓާއެކު އެވެ. އެއް ވަނައިގައި އޮތީ ދެ މެޗުން ވެސް މޮޅުވި ރެހެންދި ސްކޫލް އެވެ.