ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝްންގައި ސީދާ ތިން ސެޓުން މެލޭޝިޔާ ބަލިކޮށް ސިންގަޕޫރުން ފައިނަލްގެ ޖާގަ ހޯދައިފި އެވެ.
މި މެޗަށް ކުރިމަތިލީއިރު ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. މެލޭޝިޔާ އިން ފުރަތަމަ މެޗުގައި ރާއްޖެ ބަލިކުރީ ފަސް ސެޓު ކުޅެގެންނެވެ. ސިންގަޕޫރުން ރާއްޖެ ބަލިކުރީ ސީދާ ތިން ސެޓުންނެވެ. އެހެންކަމުން މި މެޗުން މޮޅުވާ ޓީމަކަށް ސީދާ ފައިނަލްގެ ޖާގަ ލިބެން އޮތެވެ. ބަލިވާ ޓީމެއް ޖެހޭނީ ރާއްޖެއާއެކު ސެމީ ފައިނަލް މެޗު ކުޅޭށެވެ.
މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ވެސް ރަނގަޅަށް ކުޅުނީ ސިންގަޕޫރުންނެވެ. އެ ޓީމުން ވަނީ ސެޓު ފަށައިގެން ލީޑު ގައި ކުޅެފަ އެވެ. ލީޑު ހިފަހައްޓައިގެން ސިންގަޕޫރުން ވަނީ ކުޅެފަ އެވެ. ސެޓުގެ ފަހު ކޮޅު މެލޭޝިޔާ އިން ވަނީ ގާތް ގާތުގައި ޕޮއިންޓުތަކެއް ހޯދައިގެން ހަތަރު ޕޮއިންޓަށް ވެސް ފަރަގު ކުޑަކޮށްފަ އެވެ. ނަމަވެސް އެ ޓީމަށް ކުރި ހޯދޭ ގޮތް ނުވެ، ސިންގަޕޫރުން ސެޓު ކާމިޔާބު ކުރީ 25-20 އިންނެވެ. ދެ ވަނަ ސެޓު ފަށައިގެން ކުރީ ކޮޅު ވާދަވެރިކޮށް ދިޔަ ނަމަވެސް، ފަހުން ސިންގަޕޫރުން ވަނީ މި ސެޓުގައި ވެސް ބޮޑު ލީޑެއް ނަގައިފަ އެވެ. ސިންގަޕޫރުން މި ސެޓުގައި އަށް ޕޮއިންޓުގެ ލީޑެއް ނެގިއިރު، މެލޭޝިޔާ އަށް ވަނީ އަމިއްލަ ގޯސްތަކެއް ވެސް ހެދިފަ އެވެ. އެ ލީޑުގައި އޮވެ ސިންގަޕޫރުން ދެ ވަނަ ސެޓު ނިންމާލީ 25-14 އިންނެވެ. ތިން ވަނަ ސެޓުގައި ވެސް މެލޭޝިޔާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ސެޓުގެ ވަކި ހިސާބަކުން ސިންގަޕޫރުން ވަނީ ލީޑު ނަގައި، އެ ލީޑުގައި ކުޅެފަ އެވެ. ސިންގަޕޫރުން މި ސެޓު ކާމިޔާބު ކުރީ 25-19 އިންނެވެ.
މުބާރާތުގައި ފައިނަލްގައި ސިންގަޕޫރާ ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައަޅާނީ ސެމީ ފައިނަލްގައި މެލޭޝިޔާ އަދި ރާއްޖެ ބައްދަލު ކުރާ މެޗުންނެވެ.