ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރުގެ ދައުރަކީ ވަރަށް ހަމަހިމޭން ފަސް އަހަރު ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވެސް އަދި އެޕާޓީން ވެސް ދެކޭ ކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ ދެވަނަ ދައުރެއް ރައީސްއަކަށް ދިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. ދެވަނަ ދައުރެއް ދިނުމަކީ މި ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް ނިންމުމަށާއި ޤައުމު ހަމަހިމޭންކަމާއެކު ދަތުރުކުރުމަށާއި އިޤްތިސާދު ތަނަވަސްވެގެން ދިޔުމަށް މަގުފަހިވެގެންދާނެކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ސާލިހަކީ ވަރަށް ކެތްތެރި، މަޑުމައިތިރި އަދު ވިސްނުންތެރި ބޭފުޅެއް ކަމަށާއި އަދި އެމަނިކުފާނަކީ ވަރަށް ހިތްތިރި އަދި ހިކްމަތްތެރި ބޭފުޅެއް ވެސް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް އިތުރަށް ވިދާޅުވީ އިދިކޮޅަށް ބަސްބުނާ އެކަކު ވެސް ސިޔާސީ ބާރު ބޭނުންކޮށްގެން ރައީސް ސާލިހު ޖަލަކަށް ނުލައްވާ ކަމަށެވެ. އެންމެ ގާތް ރަހުމަތްތެރިޔާއާ ޙިޔާލު ތަފާތު، ބަހުގެ ހަމަލާތައް ރައްދު ކުރަމުންދިޔައިރު ވެސް ރައީސް ސާލިހުގެ ފަރާތްޕުޅުން ހަރުކަށި އެއްވެސް މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ.
ރައީސް ސާލިހަށް ތާއިދުކޮށް ކޯލިޝަން ހެދުމަށް އެމްޑީއޭގެ ކައުންސިލުން ނިންމީ ފުރިހަމަ ތާއީދާއެކުކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ ރައީސް ސާލިހާއެކު ދެވަނަ ދައުރެއް ކާމިޔާބު ކުރުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި ޤައުމު އެންމެ ރަނގަޅު މިސްރާބަށް ދަތުރު ކުރުމަށް އޮތް މަގު ކަމަށެވެ.
އެމްޑީއޭ އިން ވަނީ ކޮވިޑުގެ ހާލަތުގައި ރައީސް ސާލިހާއި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވި ސިޔާސަތުތަކަށް ތައުރީފު ކުރައްވާފައެވެ.