ފޯ ނޭޝަންސް ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ރާއްޖެ އާއި މެލޭޝިޔާ ކުޅުނު މެޗު މެލޭޝިޔާ އިން ކާމިޔާބުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗު މެލޭޝިޔާ އިން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ. މެޗު ފަށައިގެން މެލޭޝިޔާ އިން ވަނީ ރާއްޖެ އިން ހަމައަކަށް ނޭރެނީސް ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ނަމަވެސް ރާޢްޖެ އިން ވަނީ މަޑުމަޑުން ކުޅުން ރަނގަޅުކޮށް، ޕޮއިންޓަކަށް ގާތްކޮށްފަ އެވެ. ރާއްޖެ އިން ޕޮއިންޓަކަށް ނަތީޖާ ގާތްކޮށްފައި ވަނިކޮށް، މެލޭޝިޔާ އިން ވަނީ އަލުން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއަށްފަހު މެލޭޝިޔާ އިން ވަނީ ލީޑު 22-16 އަށް އިތުރުކޮށްފަ އެވެ. އެ ލީޑު ހިފަހައްޓައި މެލޭޝިޔާ އިން ފުރަތަމަ ސެޓު ފަސޭހަކަމާއެކު ކާމިޔާބު ކުރީ 25-20 އިންނެވެ. ފުރަތަމަ ސެޓާއި ޚިލާފަށް ރާއްޖެ އިން ދެ ވަނަ ސެޓު ފެށީ ރަނގަޅަށެވެ. ދެ ވަނަ ސެޓު ފަށައިގެން ކުރީ ކޮޅު ރާއްޖެ އިން ވަނީ ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެެވެ. ނަމަވެސް މެލޭޝިޔާ އިން ވަނީ ނަތީޖާ ހަމަހަމަކޮށް، ތިން ޕޮއިންޓުވެ ލީޑެއް ނަގައިފަ އެވެ. އޭގެ ފަހުން ރާއްޖޭގެ އައިޝަތު މާޖިދާގެ ރަނގަޅު ސާވިސްތަކަކާއި، ބްލޮކް ތަކަކުން ރާޢްޖެ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭގެ ފަހުން ރާއްޖެ އިން ވަނީ ކުޅުން ރަނގަޅުކޮށް، ސެޓުގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މި ސެޓުގައި ރާއްޖޭގެ މާޖިދާގެ ބާރު ހަމަލާތަކެއް ވަނީ ފެނިފަ އެވެ. ރާއްޖެ އިން ވަނީ މުހިންމު ބޯޅަތަކަކަށް މަސައްކަތް ކޮށް، ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފަ އެވެ. ރާއްޖެ އިން ލީޑު ކުރަމުން ދަނިކޮށް، މެލޭޝިޔާ އިން ވަނީ އެއް ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. ރާއްޖޭގެ ހައްވާ ރާޝިދާ (ހައްވަ) ގެ ބާރު ހަމަލާއަކާއެކު ރާއްޖެ އިން ވަނީ ސެޓުގެ ގޭމް ޕޮއިންޓު ހޯދައި، ޖެހިގެން އައި ޕޮއިންޓު ވެސް ކާމިޔާބުކޮށް 22-25 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.
ތިން ވަނަ ސެޓު ފަށައިގެން ރާއްޖެ އިން ވަނީ ކުރީ ސެޓެކޭ އެއް ގޮތަށް ލީޑު ނަގައިފަ އެވެ. ސެޓުގައި ރާޢްޖެ އިން ލީޑު ހޯދަމުން ދިޔައި ހައްވަގެ ރަނގަޅު ހަމަލާތަކުންނެވެ. ނަމަވެސް މެލޭޝިޔާ އިން ވަނީ ޕޮއިންޓަކަށް ފަރަގު ކުޑަކޮށް، އެއްވަރު ވެސް ކޮށްފަ އެވެ. އޭގެ ފަހުން ރާއްޖެ އަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި، މެލޭޝިޔާ އިން ވަނީ ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ނަމަވެސް ރާއްޖެ އިން ނަތީޖާ ހަމަހަމަކޮށް، ދެ ޕޮއިންޓުގެ ލީޑެއް ނެގިއިރު މާޖިދާގެ ރަނގަޅު ހަމަލާތަކެއް ފެނުނެވެ. އަލުން މެލޭޝިޔާ އިން ނަތީޖާ ހަމަހަމަކޮަށް، ލީޑު ނެގީ އެ ޓީމުގެ ސާވިސްތައް ރާއްޖެ އަށް ރިސީވް ނުކުރެވި ހެދުނު ގޯސްތަކަކުންނެވެ. މެލޭޝިޔާ އިން ލީޑު ގައި ކުޅެމުން ދިޔައިރު، ރާއްޖެ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ސެޓުގެ ފަހު ކޮޅު ދިޔައީ ވަރަށް ހަމަހަކޮށެވެ. 23-23 އިން އެއްވަރުވެފައި ވަނިކޮށް، ރާއްޖެ އަށް ގޭމް ބޯޅަ ލިބުނީ މެލޭޝިޔާ އަށް ހެދުނު ގޯހަކުންނެވެ. އެއަށްފަހު އެ ރޫޙުގައި ރާއްޖެ އިން 23-25 އިން ސެޓު ކާމިޔާބު ކުރީ މާޖިދާގެ ބާރު ހަމަލާއަކުންނެވެ.
އެ ރޫޙުގައި ނިކުމެ ރާއްޖެ އިން ވަނީ ހަތަރު ވަނަ ސެޓުގެ ކުރީކޮޅު މޮޅު ކުޅުމެއް ދައްކައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ނަމަވެސް ރާޢްޖެ އަށް އެ ލީޑު ހިފެހެއްޓޭ ގޮތް ނުވެ، މެލޭޝިޔާ އިން ވަނީ އެއްވަރުކޮށްފަ އެވެ. އޭގެ ފަހުން ސެޓުގެ މެދަކާ ހަމައަށް ދިޔައީ ދެ ޓީމު ވެސް ދާދި އެއްވަރުކޮށެވެ. މެލޭޝިޔާ އިން ވަނީ އޭގެ ފަހުން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އޭގެ ފަހުން މެލޭޝިޔާ އިން ވަނީ ލީޑު ހިފަހައްޓައި ފަސް ޕޮއިންޓަށް ލީޑު ފުޅާކޮށްފަ އެވެ. މެލޭޝިޔާ އިން ވަނަ ހަތަރު ވަނަ ސެޓު ކާމިޔާބު ކުރީ 25-21 އިންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓުގައި ފުރަތަމަ ޕޮއިންޓު ހޯދީ ރާޢްޖެ އިންނެވެ. ރާއްޖެ އިން ވަނީ ތިން ޕޮޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ރާއްޖެ އިން ލީޑުގައި ކުޅެމުން ދަނިކޮށް މެލޭޝިޔާ އިން ވަނީ ނަތީޖާ ހަމަހަމަކޮށް، ލީޑު ވެސް ނަގައިފަ އެވެ. އޭގެ ފަހުން ރާއްޖެ އިން ކުޅުން ރަނގަޅުކޮށް އަލުން ލީޑު ނެގީ މެލޭޝިޔާ އަށް ހެދުނު ގޯހެއްގެ ފައިދާ އިންނެވެ. ނަމަވެސް މެލޭޝިޔާ އިން އަލުން ދެ ޕޮއިންޓުގެ ލީޑެއް ނެގިއިރު، ރާއްޖެ އިން ވަނީ ދެ ޕޮއިންޓު ހޯދައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. 13-13 އިން އެއްވަރުވެފައި ވަނިކޮށް މެލޭޝިޔާ އިން ގޭމް ޕޮއިންޓް ހޯދި އެވެ. ރާއްޖެ އަށް 14-14 އިން ނަތީޖާ ހަމަހަމަކޮށްދިނީ މާޖިދާ އެވެ. ނަމަވެސް މެލޭޝިޔާގެ ކުުޅުންތެރިޔެއްގެ ހަމަލާއިން އެ ޓީމު އަލުން ގޭމް ޕޮއިންޓު ހޯދި އެވެ. މެލޭޝިޔާ އިން ސެޓު ކާމިޔާބު ކުރީ ރާޢްޖެ އަށް ހަތަރު ޓަޗު ހަމަވުމުންނެވެ.
މުބާރާތުގެ އަންހެން ޑިވިޝިންގައި ދެން އޮންނާނީ ހުކުރު ދުވަހުގެ ހަވީރު ރާއްޖެ އާއި ސިންގަޕޫރު ކުޅޭ މެޗެވެ.