ކ. މާލެ
|
22 ފެބްރުއަރީ 2023 | ބުދަ 11:30
ހައްޖަށް ދިޔަ ގުރޫޕަކާ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ބައްދަލު ކުރައްވަނީ -- ފައިލް ފޮޓޯ
ހައްޖަށް ދިޔަ ގުރޫޕަކާ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ބައްދަލު ކުރައްވަނީ -- ފައިލް ފޮޓޯ
އިސްލާމިކް މިނިސްޓްރީ
ރާއްޖޭން ހައްޖަށް ގެންދަން 1000 ކޯޓާ ލިބިއްޖެ
އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން

ރާއްޖެއިން ހައްޖަށް މީހުން ފޮނުވުމަށް 1000 ކޯޓާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައުދީ ސަރުކާރުން ރާއްޖެއަށް ދެއްވާ ރަސްމީ 1000 ހައްޖު ކޯޓާ މިހާރު ލިބިފައިވާ ކަމަށެވެ. އަދި އިތުރު ކޯޓާ ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑުގެ ހާލަތުގެ ކުރިން ހައްޖުވެރިން ހައްޖުވުމަށް ފުރުސަތު ދިން އަދަދަށް މި އަހަރު ފުރުސަތު ދޭނެކަން ސައުދީ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސައުދީގެ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީގް އަލް ރަބީއާ ވަނީ ތިން އަހަރަށްފަހު ހައްޖަށް މީހުން ގެންދިއުމުގައި ލުއިތަކެއް ދޭން ނިންމަވާފައިވާކަން އިއުލާންކުރައްވާފައެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖަށް މީހުން ފޮނުވުމުގެ ހުއްދަ އޮތް މިޝަންތަކަށް ފުރުސަތު ދެވިގެންދާނެ ކަމަށެވެ. އަދި ކޮވިޑްގެ ކުރިން ދިން އަދަދަށް ފުރުސަތު ދެވިގެންދާނެ ކަމަށާއި، ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް އެ ފުރުސަތުދޭން ނިންމަވާފައިވާކަމަށެވެ.

ޑރ. ތައުފީގު ވިދާޅުވީ ހައްޖުވެރިންނަށް ރަނގަޅު ތަޖުރިބާއެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. މިގޮތުން ވިސާގެ މުއްދަތު 30 ދުވަހުން 90 ދުވަހަށް އިތުރުކޮށްފައިވާކަމަށާއި އިތުރު ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ކުރިން 2019 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި 2.5 މިލިއަން މުސްލިމުން ބައިވެރިވެފައިވެއެވެ. 2009 ވަނަ އަހަރުން 2019 ވަނަ އަހަރުގެ ނިޔަލަށް ސައުދީ ސަރުކާރުން ވަނީ އެވަރޭޖްކޮށް 2.3 މިލިއަން މުސްލިމުންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދީފައެވެ.

- ކޮމެންޓް