ކުރިއަށް އޮތް ސީޒަނަށް ރެއާލް މެޑްރިޑަށް ބަދަލުވާނަމަ އެކަން ކުރަން ކީލިއަން އެމްބާޕޭ ބޭނުންވަނީ ޕީއެސްޖީގެ ޑިފެންޑަރު އަޝްރަފް ހަކީމީ ގޮވައިގެން ކަމަށް ފްރާންސްގެ ނޫސްތަކުން ބުނަން ފަށައިފި އެވެ.
ޕީއެސްޖީގެ ކުރިއަށް ކުޅެން ތިބި މަޝްހޫރު ކުޅުންތެރިން ކަމަށްވާ ލަޔޮނަލް މެސީ އާއި ބްރެޒިލްގެ ނޭމާއާއެކު މާބޮޑު ގުޅުމެއް ނެތުމުން އެމްބާޕޭގެ ކުރިމަގާމެދު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ކުލަބު ބަދަލުކުރާ ވާހަކަ އަށް އެމްބާޕޭ ވެސް މިހާތަނަށް ވަކި ޖަވާބެއް ދީފައިނު އެވެ.
ނަމަވެސް މޮރޮކޯގެ ޑިފެންޑަރު ހަކީމީ އަކީ ޕީއެސްޖީގައި އެމްބާޕޭގެ އެންމެ ގާތް ރަހުމަތްތެރިޔާ އެވެ. އޭނާ އަކީ މެޑްރިޑުގެ ކުރީގެ ކުޅުންތެރިއެއްވެސްމެ އެވެ. އަދި ރެއާލް މެޑްރިޑުން އަންނަ ސީޒަނަށް ކަނާތު ބެކެއް ހޯދުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިހެންވެ އޭނާ އަކީ އެމްބާޕޭ މެޑްރިޑަށް ބަދަލުވާނަމަ ކޮންމެހެން ގެންދަންޖެހޭ ކުޅުންތެރިއެއްކަން ކުޅުންތެރިޔާގެ ފަރާތުން މެޑްރިޑަށް ވެސް މިހާރު އަންގާފައިވާ ކަމަށްވެ އެވެ.
ޕީއެސްޖީއާއެކު ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއްގައި ހުރި ނަމަވެސް އެމްބާޕޭ އަށް އޭނާގެ ކޮންޓްރެކްޓް ގަތުމުގެ ބާރު ލިބިފައިވެ އެވެ. އޭނާ ޕީއެސްޖީގެ ކޮންޓްރެކްޓް މިދިޔަ ސީޒަން ފެށުމުގެ ކުރިން އާކުރީ މެޑްރިޑަށް ބަދަލުވުމާ ނުހަނު ގާތަށް ދިއުމަށްފަހު އެވެ.