އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޓޮޓެންހަމް ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
ޓޮޓެންހަމް ހަތަރު ވަނަ އަށް ޖެހިލީ އާދިއްތަ ދުވަހުގެ ރޭ އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގައި ޓޮޓެންހަމްގެ ދެ ލަނޑު ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. މެޗަށް ނިކުންއިރު ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހުރީ ސާޖަރިއެއްގެ ސަބަބުން ޓީމާ ދުރުގަ އެވެ. ޓޮޓެންހަމަށް މެޗުގައި އިރުޝާދު ދުނީ އެސިސްޓެންޓް ކޯޗެވެ.
ދެ ވަނަ ހާފު ފަށައިގެން 56 ވަނަ މިނެޓުގައި ބެން ޑޭވިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޓޮޓެންހަމަށް ލީޑު ނަގައިދިނީ އެމާސަން އެވެ. އެއީ ޑޭވިސް ޖައްސާލި ބޯޅަ ތިރިތިރިން ގޯލަށް ފޮނުވާާލައިގެން އެމާސަން ކާމިޔާބު ކުރި ލަނޑެކެވެ. ޓޮޓެންހަމްގެ ދެ ވަނަ ލަނޑު 72 ވަނަ މިނެޓުގައި ޖެހީ ސައުތު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ. އެއީ ކެޕްޓަން ހެރީ ކޭން ދިން ބޯޅައެއް ވެސްޓް ހޭމްގެ ގޯލް ކީޕަރު ކައިރިން ގޯލުގެ އަރިމަތީ ކަނަށް ވާ ގޮތަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުން މޮޅުވެ ޓޮޓެންހަމް ހަތަރު ވަނަ އަށް ޖެހިލީ ކުޅުނު 24 މެޗުން 42 ޕޮއިންޓާއެކު އެވެ. ތިން ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓެންހަމާ ދެމެދު އޮތީ ހަތް ޕޮއިންޓުގެ ފަރަގެކެވެ.