އައްޑޫ ސިޓީގައި ސ. ފޭދޫ، ސޮލިޑް، މުޙައްމަދު ޒަޔާން މޫސާއަށް ތޫނުއެއްޗަކުން ޙަމަލާދީ މަރާލި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މިއީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. މި އަޑުއެހުމުގައި މައްސަލައިގެ މައުޟޫއީ ބައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.
މި އަޑުއެހުމުގައި ގާޒީ ޝަފީއު ވަނީ ދައުވާލިބޭ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތައް ކިޔާދެއްވާފައެވެ.
މިއީ ގިނަ ލިއެކިއުންތަކެއް ހިމެނޭ މައްސަލައެއްކަން ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ، މި މައްސަލައާ ގުޅިގެން ދައުލަތުން ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށްވެސް އެދިފައިވާ ކަމަށެވެ. އެކަމަށް ވަކި އަޑުއެހުމެއް ބާއްވަވާނެކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
މި މައްސަލައިގެ ލިއެކިއުންތައް ދިފާއަށް ލިބިފައިވޭތޯ ކަށަވަރު ކުރުމަށް އިދާރީ ބައްދަލުވުމެއް ބާއްވަވާނެކަމަށްވެސް ގާޒީ ޝަފީއު ވިދާޅުވިއެވެ.
ދައުވާއަށް ޖަވާބުދާރީވުން ކުރިއަށްދާނީ އެ ބައިތަކަށްފަހުކަމަށް ގާޒީ ވިދާޅުވިއެވެ.
ޒަޔާނަށް ހަމަލާދިނީ ފޭދޫގެ ދެ ގޭންގެއްގެ ދެމެދުގައި އޮތް މައްސަލައަކާ ގުޅިގެންނެވެ.
އަމިއްލަ ގޭގެ ގޯތިތެރޭގައި ހުއްޓާ ދިން އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް 21 އަހަރުގެ ޒަޔާން މަރުވިއެވެ. ޒަޔާން މަރާލީ ބަދަލު ހިފުމުގެ މާރާމާރީއެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން 2 މީހެއްގެ މައްޗަށް އުފުލާފައިވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
ބާކީ ތިބި ފަސް މީހުންނަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ. މީގެ އިތުރުން ޖިނާއީ ކުށެއް ކުރުމަށް ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ މި މީހުންގެ މައްޗަށް އުފުލާފައިވެއެވެ.
އޭގެ ތެރެއިން ޖިނާއީ ކުށެއް ކުރުމަށް ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ ކޯޓުގައި ކުރިއަށް ގެންދާނީ ސިއްރުކޮށްގެންކަމަށް ގާޒީ ވިދާޅުވިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ:
- އަބްދުﷲ ނިޒާރު، ސ. ފޭދޫ / ކާމަރަނގަގެ
- އަބްދުﷲ ޝިއާއު ރަޝީދު، ސ.ފޭދޫ / ދިރިމާގޭ
- އައިލިޝް އަލީ، ސ. ފޭދޫ / ފުފޫމާގޭ
- އަހުމަދު ނަބީލް، ސ. ފޭދޫ / ސަންޝައިން
- އަހުމަދު ޝުއާއު، ސ.ފޭދޫ / ދިރިމާގޭ
- ޔައިޝް އަންވަރު، ސ.ފޭދޫ / ކަދުރުމާގެ
- އަހުމަދު އަބްދުﷲ، ސ. ފޭދޫ / ކަރަންފޫގެ
މީގެ އިތުރުން މި މައްސަލައިގައި 18 އަހަރު ނުފުރޭ 4 ކުއްޖަކަށް ވެސް ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރެއިން އެކެއްގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު، ދެން ތިބި ތިން ކުދިންގެ މައްޗަށް އުފުލީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާލިބޭ 03 (ތިނެއް) ކުދިންގެ ތެރެއިން 02 (ދޭއް) ކުދިން ކުށަށް އިޢުތިރާފުވެ، ޑައިވާޝަން ފުރުޞަތަށް އެދިފައިވާތީ ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ ދަށުން ޑައިވާޝަން އެގްރީމެންޓު ހެދިފައިވާކަން ވެސް ޕީޖީ އޮފީހުން ފާހަގަކުރެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ތޫނު ހަތިޔާރު ގެންގުޅުމާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ.