ކ. މާލެ
|
19 ފެބްރުއަރީ 2023 | އާދީއްތަ 09:15
ނައިބްރައީސް ފައިސަލް ނަސީމް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ސްޓާފް ނައިޓްގައި ވާހަކަފުޅުދައްކަވަނީ
ނައިބްރައީސް ފައިސަލް ނަސީމް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ސްޓާފް ނައިޓްގައި ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ބޯޑަރު ހުޅުވާލުން
އިގްތިސާދު އިއާދަކޮށް ކޮޅަށްޖަހަން ރައީސްގެ އެންމެ ރަނގަޅު ނިންމެވުމަކަށް ވެގެންދިޔައީ ބޯޑަރު ހުޅުވާލުން - ނައިބްރައީސް
ރާއްޖޭގެ އެކި އަތޮޅުތަކުން ފެނިގެންދަނީ އެއަރޕޯޓްތައް ތަރައްގީކުރެވި ހުޅުވަން މަސައްކަތް ކުރައްވަމުން ގެންދަވާތަން
ކުރިއަށް އޮތީ މޯލްޑިވިއަންގެ ޕްލޭނާއެއްކޮށް ފްލީޓްތައް ބަދަލުވެގެން ދިއުން

ކޮވިޑް-19 ގައި ރާއްޖޭގެ އިގްތިސާދު އިއާދަކޮށް، ކޮޅަށްޖަހާ އެކަން ކާމިޔާބުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އެންމެ ރަނގަޅު ނިންމެވުމަކަށް ވެގެންދިޔައީ ބޯޑަރު ހުޅުވާލުން ކަމަށް ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ސްޓާފް ނައިޓްގައި ހޮނިހިރުދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވިދާޅުވީ ބޯޑަރު ހުޅުވާލުމާއެކު އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް އިތުރު މަސައްކަތްތަކެއް، އުނދަގޫގޮތަށް ކުރަން ޖެހުނު ކަމަށެވެ. ވަރަށް ބޮޑެތި ރެސްޓްރިކްޝަންސްތަކާއި، ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅައިގެން އުނދަގޫ ކަންތައްތަކެއް ކުރައްވަން ޖެހުނު ކަމަށެވެ.

ނައިބްރައީސް ވަނީ އެކަންކަން ފާހަގަކުރައްވާ މިދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އައިލެންޑް އޭވިއޭޝަންގައި މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދު އައިލެންޑް އޭވިއޭޝަނުން އިތުރު މަސައްކަތްތަކެއް ވެސް ކުރެވޭ. ފްލައިން ސްކޫލެއް ގާއިމްކުރެވިއްޖެ. ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު އިސްކަމެއް ދެއްވިކަމެއް، ހާއްސަކޮށް އަޅުގަނޑުމެންގެ އެތައް ދަރިވަރުންތަކަކަށް ދިމާވި، މައްސަލަތަކާއި ގުޅިގެން ފްލައިން ސްކޫލެއް ގާއިމްކުރުން. އެކަމުގައި އައިލެންޑް އޭވިއޭޝަންގެ، މޯލްޑިވިއަންގެ ފަރާތުން ކުރީގެ މެނޭޖިންގ ޑިރެކްޓަރ ވެސް އަޅުގަނޑުމެންނާއެކު މަސައްކަތްތަކެއް ކުރެއްވި، އަދި ހަމައެޔާއެކު މިހާރުގެ މެނޭޖިންގ ޑިރެކްޓަރ އަދި މުޅި ޓީމުން އެކަމުގައި ކުރި މަސައްކަތްތައް އަޅުގަނޑު ފާހަގަކޮށް، އެކަމުގައި ވަރަށް ގާތުން އެކުގައި މަސައްކަތް ކުރެވުނު މީހެއްގެ ހައިސިއްޔަތުން އެކަން ވަރަށް ބޮޑަށް ބަލައިގަންނަން.
ނައިބްރައީސް ފައިސަލް ނަސީމް

ނައިބްރައީސް ވިދާޅުވީ ރާއްޖޭގެ އެކި އަތޮޅުތަކުން ފެނިގެންދަނީ އެއަރޕޯޓްތައް ތަރައްގީކުރެވި ހުޅުވަން މަސައްކަތް ކުރައްވަމުން ގެންދަވާތަން ކަމަށާއި، މިއާއެކު ފްލީޓް ވެސް އިތުރުވެގެންދާ ކަމަށެވެ.

ނައިބްރައީސް ވިދާޅުވީ ކުރިއަށް އޮތީ މޯލްޑިވިއަންގެ ޕްލޭނާއެއްކޮށް ފްލީޓްތައް ބަދަލުވެގެން ދިއުން ކަމަށެވެ. މިކަމަށް ހިއުމަން ރިސޯސަސް ބޭނުންވާ ކަމަށާއި، ފްލައިން ސްކޫލް ވެގެންދާނީ އެކަމަށް ބޭނުންތެރިތަނަކަށް ކަމަށެވެ. މީގެ އިތުރުން މި މަސައްކަތް ވެގެންދާނީ ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ބޭރުފައިސާ ވައްދާ ދޮރާށީގެ ގޮތުގައި ކަމަށް ނައިބްރައީސް ވިދާޅުވިއެވެ.

އޭވިއޭޝަން ދާއިރާއަށްދޭ ސަމާލުކަމަކީ، މިފަހަރު ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު ފުރުސަތު ދެއްވާފައި. ޕައިލެޓް ޓްރެއިނިން ހެދުމަށްޓަކައި ކުރީގައި ދީފައި އޮތް ޖާގައަށްވުރެ އެތައް ގުނައެއް އިތުރުކޮށް، ޖުމްލަ ލޯންގެ ގޮތުގައި 60 ވަނީ ދީފައި.
ނައިބްރައީސް ފައިސަލް ނަސީމް

ނައިބްރައީސް ވިދާޅުވީ ގައުމަކަށް އެންމެ މުހިންމުވަނީ ވަރުގަދަ ހިއުމަންރިސޯސްއެއް ކަމަށެވެ. އެކަމަށްޓަކައި ރަނގަޅު ހުނަރުވެރި ޖީލެއް ބިނާކުރަން ޖެހޭ ކަމަށާއި، އެ މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ.

އަޅުގަނޑުމެންނަކީ ތަފާތު މަސައްކަތް ކުރަން ދަސްކުރަން ޖެހޭ ބައެއް ކަމަށާއި، ވޭތުވެދިޔަ ތަނުގައި ފެނިގެންދިޔައީ އެކަން ކުރަންޖެހޭކަން ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް