އަނިޔާ އިން ރަނގަޅުވެ ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރާންސްގެ އޮސްމާން ޑެމްބެލޭ ފަރިތަކުރުންތަކަށް ހާޒިރުވާން ފަށައިފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ޖަނަވަރީ މަހު ސްޕެނިޝް ލީގުގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ފައިގެ މަސްގަނޑަށް ލިބުނު އަނިޔާ އިން ޑެމްބެލޭ އަންނަނީ ރަނގަޅު ވަމުންނެވެ. ޑެމްބެލޭ ފަރިތަކުރުންތަކަށް ހާޒިރުވާން ފެށި ނަމަވެސް އަނިޔާ އިން މުޅިން ރަނގަޅުވެ، ފިޓުވާން ދުވަސްކޮޅެއް ނަގާނެ ކަމަށާއި، ނަމަވެސް ކޯޗިން ސްޓާފުން ޑެމްބެލޭގެ ކުރިއެރުމާމެދު ހިތްހަމަ ޖެހޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ރިޕޯޓުތައް ބުނާ ގޮތުގައި ޑެމްބެލޭ އަންނަނީ ފަރިތަކުރުންތަކުގައި އަމިއްލަ އަށް މަސައްކަތް ކުރަމުންނެވެ. އަނިޔާ އަށް ފަހު ޑެމްބެލޭ ވަނީ ޖިމްގައި ޚާއްސަ ޓްރެއިނިންތަކެއް ކުރިއަށް ގެންގޮސްފައި ކަމަށާއި، އަނިޔާ އިން ރަނގަޅުވުމުގެ މަރުހަލާއާމެދު މެޑިކަލް ޓީމުން ވެސް ހިތްހަމަ ޖެހޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޑެމްބެލޭ އަށް އަނިޔާވީ ފީފާ ވޯލްޑް ކަޕް މުބާރާތަށްފަހު ރަނގަޅު ފޯމެއް ގައި ކުޅެމުން އަންނަނިކޮށެވެ. ޑެމްބެލޭ އަށް އަނިޔާވުމާއެކު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވެސް އޭރު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބާސެލޯނާގެ މެޗެއް ދެން އޮތީ މި މަހުގެ 26 ވަނަ ދުވަހު އެވެ. ސްޕެނިޝް ލީގުގައި ބާސެލޯނާ އިން އަލްމޭރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ޑެމްބެލޭ ހިމަނާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.