ކ. މާލެ
|
16 ފެބްރުއަރީ 2023 | ބުރާސްފަތި 22:48
ރައީސް ސާލިހު
ރައީސް ސާލިހު
ރައީސް އޮފީސް
ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާ ފަރާތްތައް
45 އަހަރު ދުވަހު ދައުލަތަށް ޚިދުމަތްކޮށްދީފައިވާ މީހުންނަށްވެސް ކުރިއަށް އޮތްތަނުގައި އިނާމު ދެނީ
މި އަހަރު 86 ފަރާތަކަށް އެ އިނާމު ދޭ
45 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކޮށްފައިވާ 70އެއްހާ މީހުންނަށް އިނާމު ނުލިބިވޭ

ސާޅީސް ފަސް އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ މީހުންނަށްވެސް ކުރިއަތް އޮތްތަނުގައި އިނާމު ދޭން ގަސްދުކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާ ބޭފުޅުންނަށް އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާ ބޭފުޅުންގެ އަގު ވަޒަންނުކޮށް ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ. އެ ޚިދުމަތްތަކަކީ ހަޔާތުގެ ބޮޑު ބައެއް ގައުމަށްޓަކައި ހޭދަކުރައްވައިގެން ކުރައްވާ ޚިދުމަތްތަކެއް ކަަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ފަރާތްތަކުން ގައުމީ ޚިދުމަތަށް ވަގުތު ހުސްކުރައްވައި، ދިވެހިންނަށްޓަކައި ރެޔާއި ދުވާލު ފަރުދީގޮތުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތް ފާހަގަކުރަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ގިނަ ބަޔަކު އަދިވެސް ތިބިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން 45 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރައްވާފައިވާ 70 އެއްހާ މީހުންނަށް އެ ޝަރަފު ނުލިބި ވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު މިހާރު ގަސްތުކުރަނީ 45 އަހަރަށްވުރެ ދިގު މުއްދަތެއްގަ ޚިދުމަތްކުރައްވާ، ވަކިވެވަވަޑައިގެންފައިވާ ބޭފުޅުންގެ ރެކޯޑްތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށްފަހު ގައުމީ އިނާމާބެހޭ ކޮމިޓީއަށް ހުށަހަޅައިގެން އެކަން ކުރިއަށް ގެންދަން. މިގޮތަށް ހުށަހެޅޭ ބޭފުޅުންނާވެސް ކޮމިޓީން ބައްދަލުކުރައްވާ، މައުލޫމާތު ހޯއްދަވާނެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކޮށް އިނާމު ދޭން ފަށާފައިވަނީ 2021 ވަނަ އަހަރުއެވެ. 2021 ވަނަ އަހަރު 203 މީހަކަށް އިނާމް ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކި ސަބަބުތަކާހެދި 2022 ވަނަ އަހަރު އެ އިނާމު ނުދެވުނުނަމަވެސް މި އަހަރު 86 ފަރާތަކަށް އެ އިނާމު ދޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ދައުލަތަށް ޚިދުމަތްކުރުމުގައި ކޮންމެ މަގާމެއްގައި ހުންނަ މީހަކީވެސް ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދޭ ފަރާތެއް ކަަމަށް ރައީސް ވިދާޅުވިއެވެ. އިޚުލާސްތެރިކަމާއެކު އަދާކުރާ ޒިންމާއަކީ ގައުމީ ޚިދުމަތުގެ ދާއިރާގައި ފާހަގަކޮށްލެވޭ ނަމޫނާ ޚިދުމަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ފަންސާހަކަށް އަހަރު ދުވަސް ވަންދެން ދައުލަތަށް ޚިދުމަތްކުރުން މަތީގައި ދެމި ހުރުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

- ކޮމެންޓް