ކ. މާލެ
|
16 ފެބްރުއަރީ 2023 | ބުރާސްފަތި 14:10
މާފުށި ޖަލު
މާފުށި ޖަލު
ރާއްޖެއެމްވީ
ހައިސެކިއުރިޓީ ވިންގް
ހަރުކަށި ފިކުރުގެ މީހުން ބައިތިއްބާ ހައި ސެކިއުރިޓީ ވިންގު މި އަހަރުގެ މެދުތެރޭގައި ނިމެނޭ - އިމްރާން
މަސައްކަތާއި ހަވާލުވި އިރުގައި އާންމުކޮށް ތަފާތު ކުށްތައް ކުރާ މީހުން ކެޓަގަރައިޒް ކުރުމެއް ނޯވޭ
ހަރުކަށި ފިކުރުގެ ފަރާތްތައް ބައިތިއްބާނެ ހައި ސެކިއުރިޓީ ވިންގުގެ މަސައްކަތް ފެށި ކުރިއަށްދޭ
އެކަންކުރަން ލިބުނީ 35 މިލިއަން ދިވެހި ރުފިޔާ

މާފުށީ ޖަލުގައި ހަރުކަށި ފިކުރުގެ މީހުން ބައިތިއްބާ ހައިސެކިއުރިޓީ ވިންގު މިއަހަރުގެ މެދުތެރޭގައި ނިމެނޭކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ޖަލުގައި ހުރި މައްސަލަތައް ރަނގަޅަށް ދެނެގަނެ އެކަމަށް އެޑްރެސް ކުރުމަށް ބައިނަލްއަގުވާމީ މުޖްތަމައުއާއި، ރާއްޖޭގައި ހުރި އެންޖީއޯސްތަކާއި އަދި ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން މައްސަލަތައް ހައްލުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި އިރުގައި އަދި މަސައްކަތާއި ހަވާލުވި އިރުގައި އާންމުކޮށް ތަފާތު ކުށްތައް ކުރާ މީހުން ކެޓަގަރައިޒް ކުރުމެއް ނޯންނަ ކަމަށެވެ. ނަމަވެސް މިހާރު ވަކިން ހާއްސަކޮށް ހަރުކަށި ފިކުރުގެ ފަރާތްތައް އެސެސްކުރާނެ ޓޫލްސްތަކެއް ޑިވަލަޕްކޮށް، އެ ފަރާތްތައް އެސެސްކޮށް އެހެން ގައިދީންނާ ވަކިން ބޭތިއްބެން އޮތް އެންމެ ބޮޑު މިންވަރަކަށް އެކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެފަދަ ފަރާތްތަކުގެ ފަރާތުން ޖަލުގެ މުޅި ނިޒާމަށް ކުރިމަތިވާ ގޮންޖެހުންތައް، މިއަދުވެސް އެނގޭތޯ، ރޭގައިވެސް އަޅުގަނޑުމެން ހަމަ ހޭލާ ތިބެންޖެހޭ އެތައް ހާދިސާތަކެއް ދިމާވި. އެފަދަ ފަރާތްތަކުގެ ފަރާތުން މުޅި ޖަލުގެ ނިޒާމަށް ކުރިމަތިވާ ގޮންޖެހުންތަކަށްޓަކައި. އަޅުގަނޑުމެން އޭގެތެރެއިން އަރައިގަތުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން މިހާރު ހަމަ ސީދާ އެފަދަ ފަރާތްތައް ބައިތިއްބާނެ ހައި ސެކިއުރިޓީ ވިންގެއް މާފުށީ ޖަލު ޑިވަލަޕްކުރުމަށްޓަކައި އެ މަސައްކަތް ފެށިގެން މިހާރު ދަނީ ކުރިއަށް.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިނިސްޓަރު ވިދާޅުވީ އުއްމީދުކުރައްވަނީ އިރާދަކުރެއްވިއްޔާ މިއަހަރުގެ ޖޫން، ޖުލައި ހިސާބުގައި އެ ވިންގު ނިންމާލެވޭނެ ކަމަށެވެ. އަދި އެތަން ޑިޒައިންކޮށްފައިވަނީ ސިންގަޕޫރުފަދަ، މިފަދަ ފަރާތްތައް ގެންގުޅެވޭނެ ތަންތަން ޑިޒައިންކޮށްފައިވާ ގޮތްތައް ބަލައިގެން، ގައުމުތަކުގައި އެކަންކުރާގޮތަށް ބެލުމަށްފަހުގައި ރާއްޖޭގައި ލިބެންހުރި ތަނަވަސްކަމާ އެއްވަރަށް ކަމަށެވެ.

އަޅުގަނޑުމެން ސިންގަޕޫރަށްގޮސް ބެލި ފެސިލިޓީގައި އެ ބޭފުޅުން އެ ފެސިލިޓީ ޑިވަލަޕްކޮށްފައި އޮތީ ސިންގަޕޫރުގެ ފަންސާސް މިލިއަން ޑޮލަރަށް. އަޅުގަނޑުމެންނަށް ލިބުނީ އަޅުގަނޑުމެންގެ ފެސިލިޓީ ޑިވަލަޕް ކުރަން 35 މިލިއަން ދިވެހި ރުފިޔާ. އެހެންވީމާ، އެ ބޭފުޅުން ފަންސާސް މިލިއަން ޑޮލަރަށް ޑިވަލަޕްކުރި އެތި އަޅުގަނޑުމެން 35 މިލިއަން ދިވެހި ރުފިޔާއަށް ބަލާއިރުގައި ދެން ބައްލަވާ އަޅުގަނޑުމެން ގެންނަންޖެހޭނެ ގޮތް.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މާލީ ތަނަވަސްކަން ހުރި މިންވަރަށް ބަލާފައި، ގަބޫލުކުރައްވަނީ މި ފެސިލިޓީ ޑިވަލަޕްކުރުމުން ހަރުކަށި ފިކުރުގެ ފަރާތްތައް ގެންގުޅެން އެކަށީގެންވާ ވަރުގެ ފެސިލިޓީއަކަށް ވެގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް