ރާއްޖެއާމެދު ރުޅިވެރިކަމެއް ނުވަތަ ހިތްހަމަނުޖެހުމެއް އޮތް ޤައުމެއް ނެތުމަކީ، އެއީ ދުނިޔޭގައި މަދު ޤައުމަކަށް ނޫނީ ނުލިބޭނެ ނަސީބެއްކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ މައުލޫމާތު ދިނުމަށްޓަކައި ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސްގެ ފަރާތުން ކުރިއަށް ގެންދާ އައުޓްރީޗް ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ފެށުމަށް ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދައުލަތުގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވާ ގޮތާއި ސިޔާސަތުތަކުގެ މުހިންމު ކަމުގެ މައްޗަށް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް ރައްޔިތުންނަށް އެނގިފައިއޮތުން މުހިންމުވާ ސަބަބު ހާމަކުރެއްވިއެވެ. ހަމައެހެންމެ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދަށުން ރާއްޖެއަށް ލިބުނު ކާމިޔާބީތަކަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.
ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނާއި، ޔުނިވާސިޓީތަކުގެ ދަރިވަރުންގެ އިތުރުން ސަރުކާރު ވުޒާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އައުޓްރީޗް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ތަފާތު އެކި މޮޑިއުލްތަކަކަށް ބަހާލައިގެންވެ. މީގެއިތުރުން ރާއްޖޭގެ ހާރިޖީ ސިޔާސަތުތަކާއި ހާރިޖީ ސިޔާސަތުތަކާއި ގުޅުން ހުރި ހާއްސަ ކަންތައްތަކާއި، އެ ސިޔާސަތުގެ ދަށުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު އެ ޕްރޮގްރާމްގެ ތެރެއިން ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގެ ދަށުން މި އަހަރުގެ ތެރޭގައި އިތުރު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ފޮރިން މިނިސްޓްރީ އިން ބުނިގޮތުގައި އެ ސެޝަންތަކުގައި ބައިލެޓެރަލް އަދި މަލްޓިލެޓެރަލް ގުޅުންތަކާއި، ކޮމާޝަލް ޑިޕްލޮމަސީ، ކޮންސިއުލާ އަދި ޕްރޮޓޮކޯލް އުސޫލުތަކާއި ހަމަތަކާ ގުޅޭ މައުލޫމާތު ބަދަލުކުރާނެއެވެ.