ޔުއެފާ ޔޫރޮޕާ ލީގުގައި ބާސެލޯނާ އިން މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އާއި ވިންގް އޮސުމާން ޑެމްބެލޭ އަށް ނުކުޅެވޭނެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭގެ މެޗަށް ބާސެލޯނާ އިން އެކުލަވާލި 22 ކުޅުންތެރިންގެ ސްކޮޑުގައި މި ދެ ކުޅުންތެރިން ހިމަނާފައެއް ނުވެ އެވެ. ރަނގަޅު ފޯމެއްގައި ކުޅެމުން އައި ޑެމްބެލޭ އަށް އަނިޔާވީ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަނިޔާގެ ސަބަބުން ބާސެލޯނާގެ މެޑިކަލް ޓީމުން ވަނީ ޑެމްބެލޭގެ އިތުރު ޓެސްޓުތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ނަތީޖާތައް ދެއްކި ގޮތުން ޑެމްބެލޭ އަށް ލިބިފައި ވަނީ މަސްގަނޑުގެ އަނިޔާއެކެވެ. އަނިޔާގެ ސަބަބުން ބާސެލޯނާގެ މެޑިކަލް ޓީމުން ބުނީ ޑެމްބެލޭ މަދުވެގެން ހަ ހަފްތާއެއްހާ މުއްދަތަށް ކުޅުމާ ދުރުގައި ހުންނަން ޖެހެނޭ ކަމަށެވެ. އެ ޓީމުގެ ކެޕްޓަން ބުސްކެޓްސް އަށް އަނިޔާވީ، ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ބުސްކެޓްސްގެ ވައަތު ފައިގެ ކުޑަ ހުޅަށް ވަނީ އަނިޔާވެފަ އެވެ. އެ އަނިޔާގެ ސަބަބުން ބުސްކެޓްސް އަށް ޔުނައިޓެޑުގެ މެޗު ގެއްލޭނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.
ބާސެލޯނާ އިން ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު، ބުސްކެޓެސް ވަނީ މީގެ ކުރިން ދެ ފަހަރަކު ޔުނައިޓެޑާ ދެކޮޅަށް ކުޅެފަ އެވެ. އެއީ 2009 ވަނަ އަހަރާއި، 2011 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސ ލީގުގެ ފައިނަލްގަ އެވެ. ބާސެލޯނާއާއެކު ބުސްކެޓްސް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ވެސް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް މިހާތަނަށް ބުސްކެޓްސް އޭނާގެ މުސްތަޤުބާލާމެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.