ކ. މާލެ
|
15 ފެބްރުއަރީ 2023 | ބުދަ 22:24
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކަށް އިންޑިއާ ވަނީ
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކަށް އިންޑިއާ ވަނީ
އިންޑިއާ
ދެ މަސް ފަހުން ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކަށް އިންޑިއާ
އިންޑިއާގައި ކޮންމެ ދިހަ އަހަރަކުން އެއް އަހަރު ބާއްވާ ބޯހިމެނުން ވަނީ ވަރަށް ބޮޑަށް ލަސްވެފައި

ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި, 1.4 ބިލިއަން މީހުންނާއެކު އިންޑިއާއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށް ވާނެކަމަށާއި ނަމަވެސް އެ ގައުމުގައި ތިބީ ކިތައް މީހުންކަން ކުރިއަށް އޮތް އަހަރެއްހާ ދުވަހު ތެރޭގައިވެސް ގުނޭވަރަށްވުރެ ގިނަވާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިންޑިއާގައި ކޮންމެ ދިހަ އަހަރަކުން އެއްފަހަަރު ބާއްވާ ބޯހިމެނުން, ކޮވިޑްގެ ޕެންޑަމިކާ ގުޅިގެން ލަސްވެފައިވާއިރު, ޓެކްނިކަލް އަދި ލޮޖިސްޓިކް ހުރަސްތަކަކާހުރެ ބޯހިމެނުން އަވަހަށް ބޭއްވޭނެކަމަކަށް ނުބެލެެއެވެ. ތަޖުރިބާޖާރުން ބުނާގޮތުގައި ވަޒީފާ، ބޯހިޔާވަހިކަން، ލިޔަންކިޔަން ދަންނަ މިންވަރު، ހިޖުރަކުރާ ގޮތް، ތުއްތުކުދިން މަރުވާ މިންވަރުފަދަ ތަފާސްހިސާބުތައް އަދާހަމަކުރުން ލަސްވުމަކީ އޭޝިއާގެ އިގްތިސާދުގެ ޕްލޭނިންގއާއި ޕޮލިސީ މޭކިންގއަށް އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.

ބޯހިމެނުމުގެ ތަފާސްހިސާބަކީ ކޮންމެހެން ބޭނުންތެރި އެއްޗެއް ކަމަށް ވިދާޅުވެ، އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕަބްލިކް ފައިނޭންސް އެންޑް ޕޮލިސީގެ ބޭފުޅެއް ކަމަށްވާ ރަޗްނާ ޝަރްމާ ވިދާޅުވީ، ކޮންސިއުމަރ އެކްސްޕެންޑިޗަރ ސަރވޭއާއި ޕީރިއަޑިކް ލޭބަރ ފޯސް ސަރވޭފަދަ ދިރާސާތަކަކީ ބޯހިމެނުމުގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކުރެވޭ އަންދާޒާތަކެއް ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ އެންމެފަހުގެ ބޯހިމެނުމުގެ ޑޭޓާ ނެތުމުން، އަންދާޒާތައް ބިނާވެފައިވަނީ މީގެ 10 އަހަރުދުވަސް ކުރީގެ ތަފާސްހިސާބުތަކުގެ މައްޗަށް ކަމަށާއި، އެއިން ހަގީގަތާ ދުރު އަންދާޒާތަކެއް ނުކުތުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ސްޓެޓިސްޓިކްސް އެންޑް ޕްރޮގްރާމް އިމްޕްލެމެންޓޭޝަންގެ ތަރުޖަމާނަކު ވިދާޅުވީ، އެ މިނިސްޓްރީގެ ދައުރު ހަނިވެފައި އޮތީ ވީހާވެސް ރަނގަޅު ޕްރޮޖެކްޝަންތައް ފޯރުކޮށްދިނުމުގައި ކަމަށާއި، ބޯހިމެނުމުގެ މަރުހަލާއާ ގުޅޭގޮތުން އެއްޗެއް ނުބުނެވޭނެ ކަމަށެވެ. ބޯހިމެނުމާ ގުޅިގެން ބޮޑުވަޒީރުގެ އޮފީހުން އެއްވެސް ބަހެއް ހޯދުމަށް އެދުމުން ޖަވާބެއް ނުދޭކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސަރުކާރުގެ ދެ އޮފިޝަލެއް ކަމަށްވާ ފެޑެރަލް ހޯމް މިނިސްޓްރީގެ އޮފިޝަލަކާއި އިންޑިއާގެ ރެޖިސްޓްރާރ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ބޯހިމެނުން އެހާ ބޮޑަށް ލަސްވީ ބޯހިމެނުން ފައިންޓިއުން ކުރުމަށާއި ޓެކްނޮލޮޖީގެ އެހީގައި ފޫލްޕްރޫފް ކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ކަމަށެވެ.

ކަން މިހެން އޮތްއިރު އިދިކޮޅު މައި ޕާޓީ ކޮންގްރެސް ޕާޓީއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔާ މީހުން ވަނީ 2024 ވަނަ އަހަރު ބާއްވާ ގައުމީ އިންތިހާބުގެ ކުރިން، ވަޒީފާނެތުން ފަދަ ސިޔާސީ ގޮތުން ނާޒުކު މައްސަލަތަކުގެ މައުލޫމާތު ފޮރުވުމަށް ސަރުކާރުން ބޯހިމެނުން ލަސްކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް