ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ނިޒާމަށް ބޭރު ގައުމުތަކުން އިތުބާރުކުރާކަމަށް މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)ގެ ސީއީއޯ ޑރ. އަބްދުލް ހަންނާން ވަހީދު ވިދާޅުވެއްޖެއެވެ.
އެމްކިޔުއޭގެ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ އަބްދުލް ހަންނާނު ވިދާޅުވީ ރާއްޖޭގައި ކުރީއްސުރެވެސް އެކުލަވާލެވިގެން އަމަލުކުރަމުން އަންނަ ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކެއް އޮންނަކަމަށެވެ. އަދި މި ފްރޭމްވޯކަށް ރަނގަޅަށް އަމަލުކުރެވިގެންދާކަމަށާއި މިސަރަހައްދުގެ ބައެއް ގައުމުތަކުގައި އެފަދަ އޮނިގަނޑެއް އެކުލަވާލެވިފައިނުވާކަމަށެވެ.
އަދި ރާއްޖޭގެ ޔުނިވަސިޓީތަކުން ދޫކުރާ ސަނަދުތައް ރާއްޖެއިން ބޭރު ގައުމުތަކުގެ ޔުނިވަސިޓީތަކުން ބަލައިގަންނަކަމަށް ޑރ އަބްދުލް ހަންނާނު ވިދާޅުވިއެވެ.
މީގެއިތުރުން ޑރ ހަންނާނު ވިދާޅުވީ ރާއްޖެއިން ބޭރު ގައުމަކުން ތައުލީމު ހާސިލުކުރާނަމަ އެތަނަކީ އެގައުމަކުން ބަލައިގަންނަ ކިޔަވާ ސެޓްފިކެޓަކީ ބަލައިގަންނަ ސެޓްފިކެޓެއްތޯ ޔަގީންކުރުން މުހިންމު ކަމަށެވެ. އަދި އެކަން ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ ކޮލެޖަކުން ޕީއެޗްޑީ ކޯހެއް ހެދި ބަޔަކު އެ ކޯހުގެ ސެޓްފިކެޓް އެމްކިޔުއޭއިން ގަބޫލު ނުކުރުމުން އެމްކިޔުއޭއާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ހުކުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ އަބްދުލް ހަންނާނު ވިދާޅުވީ ކޯޓުގެ ހުކުމަށް އިހުތިރާމްކުރައްވާކަމަށާއި ޝަރީއަތުން އެމައްސަލަ ބަލާފައިވަނީ ވަރަށް ރަނގަޅަށްކަމަށެވެ.