ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ގަދަ ތިން ކުޅުންތެރިންގެ ނަން އިއުލާންކޮށްފި އެވެ.
ޖުމުލަ 14 ކުޅުންތެރިން ހިމެނުނު ނޮމިނޭޝަން އިން ގަދަ ތިނަކަށް ހޮވުނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ އަދި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކަރީމް ބެންޒެމާ އެވެ. މިއީ މި އެވޯޑުގެ ގަދަ ތިނެއްގައި އެމްބާޕޭ އާއި ބެންޒެމާ ހިމެނުނު ފުރަތަމަ ފަހަރެވެ.
މެސީ ވަނީ އާޖެންޓީނާއާއެކު މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކޮށްފަ އެވެ. ފައިނަލްގައި ފްރާންސް ބަލިކޮށް އާޖެންޓީނާ އިން ވޯލްޑް ކަޕް އުފުލާލީ 36 އަހަރަށް ފަހު އެވެ. އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު މެސީގެ ދައުރު ވަރަށް ބޮޑެވެ. މުބާރާތުގައި އޭނާ ވަނީ ހަތް ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެސް ހޮވުނީ މެސީ އެވެ. މެސީ އަކީ އެއް ކުޅުންތެރިޔަކު ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ. ފްރާންސްއާއެކު ފައިނަލްގައި ކުޅުނު އެމްބާޕޭ ވަނީ ފައިނަލްގައި އާޖެންޓީނާ ކޮޅަށް ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ. މެސީ ފަހަތަށް ޖައްސާލުމަށްފަހު އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދިން ރަން ބޫޓު ހާސިލް ކުރީ ވެސް އެމްބާޕޭ އެވެ. ބެންޒެމާ ވަނީ މިދިޔަ އަހަރު އޮތް ބެލެންޑޯ އެވޯޑު ހާސިލްކޮށްފަ އެވެ.
މީގެ އިތުރުން އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ އާސެނަލަށް ކުޅެމުން އަންނަ އިންގްލެންޑުގެ ބެތް މީޑް އާއި، އެމެރިކާގެ އެލެކްސް މޯގަން އަދި ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ އަލެކްސިއާ ޕުޓޭޔާސް އެވެ. މީގެ ތެރެއިން އެލެކްސިއާ ޕުޓޭޔާސް އަކީ މިދިޔަ އަހަރުގެ ބެލެންޑޯ އެވޯޑު ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން ހޮވި ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދީ އޭނާ އެވެ.
މިއަހަރުގެ އެވޯޑު ހަފްލާ އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު ޕެރިސްގަ އެވެ.