ހދ. ނާގޯށި އެއީ ތަފާތު މޮޑަލަކަށް ހިންގާ ޕްރޮޖެކްޓަކަށްވުމުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް މި ރަށް އޮޕަރޭޓް ކުރުމަށް ހަވާލުވާނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެއެވެ.
އެ ކޯޕަރޭޝަނަށް 15 އަހަރު ފުރުން ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބުދަ ދުވަހުގެރޭ އޮތް ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ތަޒްމީލް ވިދާޅުވީ ޔޫއޭއީގެ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗަރ ހަދައިގެން ތަރައްގީކުރާ ރާއްޖޭގެ އެންމެ އެނދުނު ގިނަ ރިސޯޓުކަމުގައިވާ ހދ. ނާގޯށި ތަރައްޤީ ކުރަނީ ދެ މަރުހަލާއަކަށް ބަހަލާއިގެން ކަމަށެވެ.
ރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެއްޓުމަށް، ޝެޑިއުލްއާ އެއްގޮތަށް ކަންކަން ފުރިހަމަ ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ނާގޯށި ތަރައްގީކުރަން 300-400 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެއެވެ. އެ ރިސޯޓުގައި 835 ކޮޓަރި ތަރައްގީކުރަނީ ޖުމްލަ 1600 އެނދު ހިމެނޭ ގޮތަށެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޯ ގަލަދާރީއާ އެވެ.
ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ތްރީކޭ އާ އެންމެ ފުރަތަމަ ހަވާލުކުރީ 2007 ގައެވެ. އެ ރަށުގައި 600 އެނދުގެ ރިސޯޓެއް ތަރައްގީކުރަން އެމްޓީޑީސީން މަސައްކަތް ކުރި ނަމަވެސް ދައްކަން ޖެހޭ ކުލި ގަވައިދުން ނުދެއްކުމުގެ ސަބަބުން، ނުވަ އަހަރު ފަހުން، 2016 ގައި އެ ކުންފުނީގެ އެއްބަސްވުން ބާތިލްކުރީއެވެ.
އޭރު އެ ރިސޯޓްގެ 37 ޕަސެންޓް މަސައްކަތް އޮތީ ނިންމައިފައެވެ. އަދި ރަށުގައި ހަދާ ވިލާތަކާއި ރެސްޓޯރެންޓްތަކާއި އެހެނިހެން އިމާރާތްތަކުގެ ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތްތައް ހުރީ ގާތްގަނޑަކަށް އޭރު ނިމިފައެވެ.
އެމްޑީޓީސީން އަމިއްލައަށް ރިސޯޓްތައް ތަރައްޤީކޮށް ހިންގުމަކީ އޭގެ ނަފާ އެންމެ ފުރިހަމައަށް ކުންފުންޏަށް ހާސިލްކުރެވޭނެ ކަމެއްކަން ފާހަގަކުރައްވާ ތަޒްމީލް ވިދާޅުވީ 230 އެނދުގެ ރިސޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިހާރު ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.
ތަޒުމީލް އިތުރަށް ވިދާޅުވީ ހިއްސާދާރުން ކުރި އިންވެސްޓެމްންޓު ކުރު މުއްދަތެއްގެ ތެރޭގައި ލިބުނަސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.
އެމްޑީޓީސީ އަކީ އެންމެ ހިއްސާދާރުން ގިނަ އަދި ފައިދާތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކުންފުންޏެއް ކަމަށް ތަޒްމީލް ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިސާދަކީ މައިގަނޑު ގޮތެއްގައި ޓޫރިޒަމް ސިނާއަތަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން އޭގެ ނަފާ ރައްޔިތުންނަށް އެންމެ އެދެވޭގޮތަށް ލިބިދިނުމަކީ ނުހަނު މުހިންމުކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.