ކ. މާލެ
|
8 ފެބްރުއަރީ 2023 | ބުދަ 16:26
ބިންހެލުމުގެ ސަބަބުން ސީރިޔާގައި ބިމާހަމަވި އިމާރާތެއްގެ ތެރެއިން ސަލާމަތްކުރެވުނު ކުއްޖާ ބޭނުންވީ އޭނާ ސަލާމަތްކުރި މީހުންނާއެކީ ހީ ސަކަރާތްޖަހަން
ތުރުކީ-ސީރިޔާ ބިންހެލުން
ބިމާހަމަވި އިމާރާތުގެ ތެރެއިން ސަލާމަތްކުރެވުނު ތުއްތުކުއްޖާ ބޭނުންވީ އޭނާ ސަލާމަތްކުރި މީހުންނާއެކީ ހީ ސަކަރާތްޖަހަން
 
މިހާރު މިވަނީ މީހުންގެ ހިތްތަކަށް ހިނުތުންވުން ގެނުވާ "ލޯބި" ވީޑިއޯއެއް އާންމުކޮށްފައި
 
އިމާރާތުގެ ތެރެއިން ނެރެ، އޭނާ ސަލާމަތްކުރި މީހާ އޭނާ އުރާލާ ހިސާބުން އެކުއްޖާ ހިނިތުންވެލާ
 
އެކުއްޖާ ސަލާމަތްކުރަން އުޅުނު އެންމެންގެ މޫނުމައްޗަށް އުފާވެރިކަން ގެނުވާ އެއެންމެން ހެއްވާލި

ހޯމަ ދުވަހުގެ ފަތިހު ތުރުކީ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް އިމާރާތެއް ވަނީ ބިމާހަމަވެފައެވެ. އެތައް ހާސް ބައެއްގެ ފުރާނަ ގެއްލުނު މިހާދިސާގައި ބިމާ ހަމަވި އިމާރާތްތަކުގެ ދަށުން މީހުން ސަލަމާތްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާތާ މިއީ ތިންވަނަ ދުވަހެވެ.

ދާހިލީ ހަނގުރާމާގައި ފަނާވަމުންދާ ސީރިޔާއަށް މިބިންހެލުމުގެ ސަބަބުން އިތުރު ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފާއިވާއިރު، އެގައުމުން އެކަނިވެސް މިހާދިސާގައި މަރުވި މީހުންގެ އަދަދު ދެ ހާހުން މައްޗަށް ވަނީ އަރާފައެވެ.

ބިމާހަމަވެފައިވާ އިމާރާތްތަކާއި ކޮންކްރީޓްގާތަކާއި ހިރަފުސްތަކުގެ ތެރެއިން މީހުން ސަލަމާތްކުރުމުގެ މަސައްކަތްކުރަމުންދާއިރު، މީޑިއާއިން އާންމުކުރަމުންދާ ވީޑިއޯތަކުން ފެންނަ މަންޒަރުތަށް ލޯތަށް ކަރުނައިން ފުރާލައެވެ. މީހެއްގެ ރުއިމާއި އާދޭހާ ކެކުޅުމުގެ އަޑު ނީވޭ ހަމަ އެންމެ ވީޑިއޯއެއްވެސް ނުފެންނަނީއެވެ.

ނަމަވެސް މިހާރު މިވަނީ މީހުންގެ ހިތްތަކަށް ހިނުތުންވުން ގެނުވާ "ލޯބި" ވީޑިއޯއެއް އާންމުކޮށްފައެވެ.

ވީޑިއޯއިން ފެންނަނީ ސީރިއާގެ ތުއްތު ފިރިހެން ކުއްޖެކެވެ. އޭނާ ވަނީ ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތެއްގެ ތެރޭގައި ތާށިވެފައެވެ. އެކުއްޖާ ސަލާމަތްކުރުމަށް ކުރި މަސައްކަތުން އިމާރާތުގެ ތެރެއިން އެކުއްޖާ ނެރޭ މަންޒަރު ފެނިގެންދެއެވެ.

އެ ތުއްތުުކުއްޖާ އިމާރާތުގެ ތެރެއިން ނެރެ، އޭނާ ސަލާމަތްކުރި މީހާ އޭނާ އުރާލާ ހިސާބުން އެކުއްޖާ ހިނިތުންވެލައެވެ. ދެން ވީޑިއޯއިން ފެންނަނީ އެކުއްޖާ ހީ ސަކަރާތްޖަހަން ބޭނުންވާ މަންޒަރެވެ. އެކުއްޖާ ސަލާމަތްކުރަން އުޅުނު އެންމެންގެ މޫނުމައްޗަށް އުފާވެރިކަން ގެނުވާ އެއެންމެން ހެއްވާލައެވެ. އެކުއްޖާ ސަލާމަތްކުރި މީހުން، އުފަލުން އެކުއްޖާ ގައިގައި ބޮސްދޭ މަންޒަރުވެސް ވީޑިއޯއިން ފެނިގެންދެއެވެ.

އެސަރަހައްދުގައި ތިބި މީހުން މާތް ﷲ އަށް ހަމްދުކޮށް އެކަލާނގެ ކުޅަދުންވަތަކަމުގެ ވާހަކަ ދައްކަމުން ދެއެވެ.

މިތުއްތު ކުއްޖާގެ ވީޑިއޯ ވެގެން ގޮސްފައި މިވަނީ މިހިތާވެރި ހާދިސާގައި މީހުންނަށް ލިބުނު ހިތްވަރަކަށެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް މިލިބުނު ހިތްވަރާއެކު ވަރުބަލިކަމެއްނެތި އެމީހުން ދަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
9%
24%
26%
15%
3%
24%
ކޮމެންޓް