ކ. މާލެ
|
8 ފެބްރުއަރީ 2023 | ބުދަ 07:04
ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މެތޯފަން - ފައިލް ފޮޓޯ
ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މެތޯފަން - ފައިލް ފޮޓޯ
ކަސްޓަމްސް
މަސްތުވާތަކެތި އަތުލައިގަތުން
ދޯހާއިން ރާއްޖެ އައި ބްރެޒިލް އަންހެނެއްގެ އަތުން 2.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި
މިތަކެތީގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާއަށް އަރާ

ޤަތަރުގެ ދޯހާއިން ރާއްޖެ އައި ބްރެޒިލް އަންހެނެއްގެ އަތުން 2.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 2.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ، އެތަކެތި ގެނަައި މީހާ ރާއްޖެ އެތެރެވިޔަ ނުދީ ވަނީ ފޮނުވާލާފައެވެ.

ކަސްޓަމްސް އިން ބުނީ މި މަހުގެ 6 ވަނަ ދުވަހު ޤަތަރުގެ ދޯހާއިން ރާއްޖެ އައި ބްރެޒިލްއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ބެލިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މިތަކެތި ފުރަތަމަ މަރުހަލާގައި ތަހްލީލް ކުރިއިރު ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.6 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އޭނާ ފޮނުވާލީ "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެފަރާތްތަކާމެދު ޢަމަލުކުރާނެގޮތުގެ ޤަވައިދު" އާއި އެއްގޮތުގެ މަތިން ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއެކު ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

- ކޮމެންޓް