ކ. މާލެ
|
7 ފެބްރުއަރީ 2023 | އަންގާރަ 17:48
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ކަލާފާނާއި ގުރައިދޫ ކުޅުނު މެޗުގެ ތެރެއިން
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ކަލާފާނާއި ގުރައިދޫ ކުޅުނު މެޗުގެ ތެރެއިން
އެފްއޭއެމް
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
ގުރައިދޫ ސްކޫލް އިން ހިންގި އަމަލު އެޑިއުކޭޝަން މިނިސްޓްރީން ކުށްވެރިކޮށްފި
 
އެފަދަ އަމަލުތައް ދަރިވަރުންގެ ކުރިމަތީގައި ތަކުރާރު ނުކުރުމަށް ބެލެނިވެރިންގެ ކިބައިން ވެސް އެދިފައިވޭ

އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ކަލާފާނު ސްކޫލް އަތުން ބަލިވި މެޗަށްފަހު ގުރައިދޫ ސްކޫލް އިން ހިންގި އަމަލު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުށްވެރިކޮށްފި އެވެ.

ހޯމަ ދުވަހު ކުޅުނު ސެމީ ފައިނަލް މެޗަށްފަހު ގުރައިދޫ ސްކޫލްގެ ބެލެނިވެރިންނާއި އޮފިޝަލުން އަދި ދަރިވަރުން ހިމެނޭ ގޮތުން ވަނީ މެޗުގެ ރެފްރީ އަށް ހަމަލާ ދީ، ހަމަނުޖެހުން ހިންގައިފަ އެވެ. އެކަމާ ގުޅިގެން އަންގާރަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މެޗުގައި ވަނީ ކުޅިވަރުގެ ރޫހާއި ޚިލާފު އަމަލެެއް ހިންގައިފަ ކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނީ އެފަދަ މުބާރާތްތަކަކީ ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން ދަރިވަރުންގެ ކިބައިގައި އިޖުތިމާއީ އަދި އަޚްލާޤީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ޙަރަކާތްތަކެއް ކަމަށެވެ. މުބާރާތުގައި އެކި ހައިސިއްޔަތުން ބައިވެރިވާ ފަރާތްތަކުން ނަމޫނާ ދެއްކުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ. މީގެ އިތުރުން އެ މެޗަށްފަހު ހިނގައިދިޔަ ކުޅިވަރުގެ ރޫހާ ޚިލާފު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ، އެފަދަ އަމަލުތައް ދަރިވަރުންގެ ކުރިމަތީގައި ތަކުރާރު ނުކުރުމަށް ބެލެނިވެރިންގެ ކިބައިން ވެސް އެދޭ ކަމަށެވެ.

ސެމީ ފައިނަލްގައި ކަލާފާނާ ވާދަކޮށް ގުރައިދޫ ބަލިވީ 2-1 އިންނެވެ. މިއަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ކަލާފާނާއި ރެހެންދި ސްކޫލް އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި