ހުޅުމާލޭގައި "ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކަށް ނުދައްކާ ހުރި ކުލި ރީޝެޑިއުލް ކޮށްދޭން މިނިސްޓްރީން އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ އިން ނިންމައިފިއެވެ.
އެ މިނިސްޓްރީން އަންގާރަ ދުވަހު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި ޕްރޮގްރާމުގެ ދަށުން ދޫކޮށްފައިވާ 704 ފްލެޓްގެ ތެރެއިން ކުލި ނުދައްކާ ހުރި ތަންތަނުގެ ޕޭމަންޓް ރީޝެޑިއުލްކޮށްދޭން ނިންމައި އެ ގޮތަށް ހަމަޖައްސަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އެގޮތުން ނުދެއްކި ހުރި ޕޭމަންޓްތައް ރީޝެޑިއުލް ކުރަން ބޭނުން ނަމަ އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ފުރުސަތުގެ ދަށުން ކުލި ރީޝެޑިއުލް ކުރަން ބޭނުންވާ ފަރާރތްރަކުން މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ޕްލޭނިންގ މިނިސްޓްރީއަށް އެކަން ސިޓީއަކުން ހުށަހަޅަން ޖެހޭނެއެވެ.
ހުޅުމާލެއިން ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ދަށުން ފްލެޓްތައް ދޫކުރީ 2018 ވަނަ އަހަރުއެވެ. މިއީ ޗައިނާ ސަރުކާރުގެ ލޯނު އެހީގެ ދަށުން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއާ (ސީއެމްއީސީ) އާ ހަވާލުކޮށްގެން އެޅި ފްލެޓުތަކެެކެވެ.
ސަރުކާރުން މިހާތަނަށް ހިންގާފައިވާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކުގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ 31-41 ޕަސެންޓް މީހުން ގަވާއިދުން ކުލި ނުދައްކާ ކަމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.
އެންމެ ފަހުން ސަރުކާރުން ހަވާލުކުރި ފްލެޓުތައް ކަމަށްވާ ހިޔާ ފްލެޓުތަކުގައި ވެސް ގިނަ ބަޔަކު ކުލި ނުދައްކާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ވަނީ ބުނެފައެވެ.
މިހާތަނަށް ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފެލެޓު ލިބުނު މީހުންގެ ބޮޑު އިންސައްތައެއް ގަވާއިދުން ކުލި ނުދެއްކި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި އެ މީހުންގެ އަތުން ފްލެޓު އަތުލާފައެއް ނުވެއެވެ. އަދި އެ ފަރާތްތަކަށް ނުދައްކާ ހުރި ކުލި ދެއްކުމަށް ލުއި ގޮތްތަކަށް ހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.