ކުޅުދުއްފުށި ސިޓީ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެރަށުގެ އަންހެނުންގެ އަގުވަޒަންކުރުމަށް "ކަމަނަ އެވޯޑް" ނަމުގައި އެވޯޑެއް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކުޅުދުއްފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން ބުނީ މިއެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގައި ކަމަށެވެ. އަދި އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ މި އެވޯޑަކީ ޤައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ޤައުމީ ތަރައްޤީއަށާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ރަށުފެންވަރުގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އަންހެނުން ކުރިއެރުމަށް ވަކިވަކި ފަރުދުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކޮމެޓީން ދިނުމަށް ނިންމި ހާއްސަ އެވޯޑެ ކަމަށެވެ.
އަންހެނުންގެ ކޮމެޓީން ބުނީ މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ 5 އަހަރަކުން އެއް އަހަރު ކަމަށާއި، މިއެވޯޑަށް ކުރިމަތިލެވޭނީ ކުޅުދުއްފުށީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. އަދި ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނީ 1 ދާއިރާއަކުންނެވެ.
އެގޮތުން 9 ދާއިރާއަކުން އެވޯޑަށް ކުރިމަތި ލުމަށްވަނީ ހުޅުވާލާފައެވެ. އެދާއިރާތަކަކީ:
* ސިއްހީ ދާއިރާ
* ސިޔާސީ ދާއިރާ
* ތައުލީމީ ދާއިރާ
* ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައުގެ ދާއިރާ
* ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ
* އިޖްތިމާއީ ދާއިރާ
* ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާ
* ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ
* ކުޅިވަރުގެ ދާއިރާ
މި ދާއިރާތަކުން އެވޯޑް ދިނުމުގައި ދާއިރާގެ ކުރިއެރުމަށް ކޮށްފައިވާ މަސައްކަތައް ބެލުމުގެ އިތުރުން މަސައްކަތުގައި ހޭދަކޮށްފައިވާ މުއްދަތާއި، މަސައްކަތުން ރަށަށްކޮށްފައިވާ ހެޔޮ ބަދަލާއި، ދާއިރާއިން ހޯދާފައިވާ ކާމިޔާބީތައް، ދާއިރާއަށް އަންހެނުންނާއި އަންހެން ކުދިން ނެރެދިނުމަށް ކޮށްފައިވާ މަސައްކަތް އަދި ހިދުމަތުގައި ހިލޭ ސާބަހައް މަސައްކަތް ކޮށްފައިވާ މިންވަރަށް ރިޔާއަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އަންހެނުންގެ ކޮމެޓީން ބުނެއެވެ.
މި އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހު 16 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެންއޯސީ އިމާރާތުގެ ގްރައުންޑު ފްލޯގައިވާ ޑަބްލިއުޑީސީގެ އޮފީހުން ނުވަތަ އެ ކޮމެޓީގެ މެއިލް މެދުވެރިކޮށް ހުށަހަޅަން އެ ކޮމެޓީން ވަނީ އެދިފަ އެވެ.
މިއީ ކުޅުދުއްފުށީ ސިޓީގައި އަންހެނުންނަށް ހާއްސަކޮށްގެން ރަށު ފެންވަރުގައި މި ފަދަ އެވޯޑެއް ދޭ ފުރަތަމަ ފަހަރެވެ.