މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވިޕް ލައިނާ ޚިލާފުވުމުން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމަށް ފިޔަވަޅު އަޅައިފިއެވެ.
ޢަލީ އާޒިމްއަށް ނަސޭހަތްދީ ފޮނުވި ސިޓީއެއް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުގައި އޭނާއަށް ނަސޭހަތް ދީފައިވަނީ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ވިޕްލައިނާ ދެކޮޅު ހެއްދެވުމުންނެވެ.
ސަރުކާރުން ހުށަހެޅި ބިލް ފާސްކުރަން ތްރީލައިން ވިޕެއް ނެރުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު އެމްޑީޕީ ޕީޖީ ގްރޫޕުގެ މެންބަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރިއެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އެ ވިޕްލައިނާ ޚިލާފުވެފައެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ސޮއިކުރައްވާ އާޒިމްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ހިންގާ ގަވާއިދުގެ 39 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައވަނީ ތްރީލައިން ވިޕެއް ކަނޑައަޅާފައިވާނަމަ ޕީޖީ ގްރޫޕުގެ ކޮންމެ މެންބަރެއްވެސް މަޖިލީހަށް ހާޒިރުވުމަށާއި ކަނޑައެޅިފައިވާ ވިޕްލައިނާ އެއްގޮތަށް ވޯޓު ދިނުން ލާޒިމް ކަމަށެވެ. އަދި ލީޑަރޝިޕަށް ގަބޫލު ކުރެވޭ ފަދަ ސީރިއަސް ހާލަތެއް މެދުވެރިވެގެން ކުރިން ހުއްދައަކަށް އެދުމަކާ ނުލައި ތްރީލައިންވިޕަށް އަމަލުނުކުރުމާއި މަޖިލީހަށް ހާޒިރުނުވުމާއި އަދި ވޯޓުގައި ބައިވެރިނުވުމަކީ ވެސް ކުށެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ވިޕްލައިނާ ހިލާފު ނުވުމަށާއި އެއާ އެއްގޮތަށް ވޯޓު ދިނުމަށް އާޒިމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް އެ ސިޓީގައި އަސްލަމް ވަނީ ވިދާޅުވެފައެވެ.
ޖީއެސްޓީ ބޮޑުކުރުމުގެ ބިލް ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ވަގުތު ތިއްބެވި 82 މެންބަރުންގެ ތެރެއިން 55 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއިރު، އޭގެ ތެރޭގައި އެމްޑީޕީގެ 14 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
ސިޓީގައި ކުރީގެ ތާރީހެއްގައި ސޮއިކޮށްފައިވާ ކަމަށް އޮތުމުން އާޒިމް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ އަސްލަމް އޭގައި ސޮއިކުރައްވައި ޖައްސަވާފައި އޮތީ 16 ނޮވެމްބަރު 2022 ގެ ތާރީހު ކަމަށެވެ. ނަމަވެސް ސިޓީ ލިބިވަޑައިގެންނެވީ ހޯމަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.