އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި އިސްކަންދަރު ސްކޫލް ބަލިކޮށް އިމާދުއްދީން ސްކޫލް އިން ސެމީ ފައިނަލަށުން ޖާގަ ހޯދައިފި އެވެ.
ހުކުރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލް މެޗު އިމާދުއްދީނުން ކާމިޔާބު ކުރީ ޕެނަލްޓީގައި އިސްކަންދަރު ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އިމާދުއްދީނުންނެވެ. މެޗުގެ 43 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އިދާން އަޙުމަދު މޫސާ އެވެ. މެޗުގެ ފުރިހަމަ ވަގުތުގައި އިސްކަންދަރު ސަލާމަތްކޮށްދިނީ މުޙައްމަދު މައިސަން މުބީން އެވެ. އޭނާ ލަނޑު ޖެހީ 62 ވަނަ މިނެޓުގަ އެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އިމާދުއްދީނުން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެއީ އިދާންގެ އިތުރުން، މުޙައްމަދު ޝައްފާން ޢަބްދުﷲ އާއި މުޙައްމަދު އައިކް ވަޖީހާއި، ޙަސަން އަމަން ޒާހިރު އަދި އަޙުމަދު އަނަސް ޙަސަންގެ ޕެނަލްޓީތަކެވެ. އިސްކަންދަރަށް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީ އެވެ. އެއީ ޙަސަން ނާވީއާއި އަލީ ހަދުވާން އަޙުމަދާއި، އަލީ ރާއީ މަގްސޫމް އަދި މުޙައްމަދު ދާނިޝްގެ ޕެނަލްޓީ އެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ފަށާނީ އަންނަ ހޯމަ ދުވަހު އެވެ.