އެއީ ޖެނުއަރީ 30 ވީ ހޯމަ ދުވަހެވެ. ދުވަސްތަކެއްގެ ހިމޭން ކަމަށް ފަހު ޕާކިސްތާނުގެ ޕެޝާވަރު ގުޑުވާލީ މިސްކިތަކަށް ދިން ބޮމުގެ ވަރުގަދަ ހަމަލާގެ އަޑުފަށްގަނޑަށެވެ. 100 މީހެއްގެ ފުރާނަ ގެއްލިދޔަ އެ ހާދިޘާއިން ޒަޚަމްތަކަކާއެކު ފުރާނަ ސަލާމަތްވި 2 މީހަކު ވަނީ، ހޮސްޕިޓަލުގެ އެނދުގައި އޮވެގެން، އެ ދުވަހުގެ ތަޖުރިބާތައް، ބައިނަލްއަޤުވާމީ މީޑިއާއާ ހިއްސާކޮށްފައެވެ.
" ނަމާދު ފަށަން ﷲ އަކްބަރު ކިއާ އަތް އުފުލާލިތަނާ ބާރުގަދަ އަޑުފަށްގަނޑެއް އިވުނު. ދެން މޫނު މައްޗަށް އައީ ބޮޑު އަލިފާންގަނޑެއް. އެ ބާރު މިނުގަ އަހަރެން ފަހަތަށް ކޮއްޕާލި. އަހަރެންގެ ހެއަށް ގޮތްވި ދެތިން މިނެޓަށް. އަހަރެން ހުރީ ނަމާދު ކުރާ ތަނުގަ. ދެތިން މިނެޓް ފަހުން ހޭ އެރި އިރު، މަށަށް އޮވެވުނީ ވެއްޓިފަ ހުރި ގާކުނޑިތަކުގެ ދަށުގަ.ޢަބްދުއްރަޙްމާން؛ ބޮމުގެ ޙަމަލާގައި ޒަޚަމްވި މީހެއް
އެ ބިރުވެރި ހާދިޘާއިން ސަލާމަތްވުމަށް، މާތް ﷲގެ ޙަޟްރަތުން ވާތްގަށް އެދެމުން އޭނާ ކުރަމުން ދިޔަ ހިތްވަރުގަދަ ދަތުރުގެ ވާހަކަ ޢަބްދުއްރަޙްމާން އިތުރަށް ތަފްސީލު ކޮށްދިނެވެ.
މާތް ﷲ މަށަށް މަގު ދެއްކެވި. ވެއްޓިފަ ހުރި ގާކުނޑިތަކުގެ ތެރެއިން ބާގަނޑެއް ހެދިފަ ވާތީ މަށަށް ފެނުނު. އަހަރެން ނޭވާލަމުން ދިޔައީ އެ ދިމާއަށް... އެ ބާގަނޑުގެ ތެރެއިން. ރަނގަޅަށް އަހަރެން ހޭވެރިކަންވި. އެތާ އޮށޯވެގެން އޮތިން 10 ވަރަކަށް 15 ވަރަކަށް މިނެޓް ވަންދެން. ދުންގަނޑު ދިޔައިމަ، އިމާމް ހުންނަ މިންބަރާ ދިމާއަށް ބަލާލިން. އެ ދިމާލުން ތަނެއް ހުޅުވިފައިވާތީ ފެނުނު. އަލިވަންނަން ހުރީ އެތަނުން. ވަރަށް ހިތްވަރު ކުރިން. މާތް ﷲ، މަށަށް ހިތްވަރުގެ ނިޢުމަތް ތަނަވަސްކޮށްދެއްވި. މަރުވެފަ ތިބި ފުލުހުންގެ ހަށިގަނޑުތައް މަތިން ފިރުކިފަ އަހަރެން ދިޔައީ... އެ ބާގަނޑާ ހިސާބަށް. މާތް ﷲ އަހަރެން ސަލާމަތްކޮށްދެއްވީ، އެ ބާގަނޑުގެ ތެރެއިން.ޢަބްދުއްރަޙްމާން؛ ބޮމުގެ ޙަމަލާގައި ޒަޚަމްވި މީހެއް
އަފްޣާނިސްތާނާ ޕާކިސްތާނު ހިއްސާ ކުރާ ބޯޑަރާއި ދާދި ކައިރީގައި އޮންނަ ޕޮލީސް ލައިންސް ޑިސްޓްރިކްޓްގައި ދިން ބޮމުގެ ހަމަލާއަކީ، މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެ ސަރަޙައްދުގައި ދިން އެފަދަ އެންމެ ވަރުގަދަ ހަމަލާއެވެ. މި ދަނޑިވަޅަކީ، ޕާކިސްތާނުގައި އެ ޤައުމުގެ ފުލުހުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންދާ މިންވަރު، އިތުރު ވެފައި ވާ ދަނޑިވަޅެއްކަން ފާހަގަ ކުރަން ޖެހެއެވެ.
އެތައް ސަތޭކަ ބަޔަކު މެންދުރު ނަމާދަށް ތިބި އެ މިސްކިތުގެ މަތީ ފަންގިފިލާ މުޅިން ސުންނާފަތިކޮށް، ބިމާ ހަމަކޮށްލި އެ ވަރުގަދަ ބޮމުގެ ހަމަލާގައި ޒަޚަމްވީ މީހުންގެ ޢަދަދު 170 އަށް އަރައެވެ. އެފަދަ އެކަކީ، ޕޮލީސް ކޮންސްޓަބަލް ރަބް ނަވާޒްއެވެ.
އެ ގޮވުމާއެކީ އަހަރެން ހޭ ނެތުނު. ދެތިން މިނެޓް ފަހުން ހޭ އެރި އިރު، ފުރާޅު އޮތީ އަހަރެންގެ ގައި މަތީގަ. ހީވީ ބިމަށް އަހަރެން ތަތްކޮށްލާފަ އޮތްހެން. ބޭރަށް ނުކުމެވޭނެ މަގެއް، މާތް ﷲ މަށަށް ތަނަވަސްކޮށްދެއްވި. ވަރަށް ހާލުގަ، ޒަޚަމްވެފަ ތިބި މީހުންނާއި، މަރުވެފަ ތިބި މީހުން އަހަރެންގެ ކުރި މަތީ ފެންނަން ތިބީ.ރަބް ނަވާޒް؛ ޒަޚަމްވި ޕޮލީސް ކޮންސްޓަބަލްއެއް
ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ދާޚިލީ ވަޒީރު ރަނާ ސަނާއުއްލާ ވިދާޅުވި ގޮތުގައި، މަރުވި 100 މީހުންގެ ތެރެއިން 97 މީހުންނަކީ ފުލުސް އޮފިޝަލުންނެވެ.
ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ފުލުހުންނާއި އަސްކަރިއްޔާއިން ވަރުގަދަ ޗެކްޕޮއިންޓްތަކެއް އަޅާފައިވާ ޕޮލީސް ލައިންސް ޑިސްޓްރިކްޓަށް، ބޮން ގޮއްވާލި މީހާ ކާމިޔާބު ކަމާއެކީ ވަނީ ކިހިނެއް ކަން ބުނަން ނޭނގޭ ކަމަށެވެ. ބޮން ގޮއްވާލި ސަރަޙައްދަކީ ޕާކިސްތާނުގެ ފުލުހުންގެ ތެރެއިން ދަށް އަދި މެދު ފަންތީގެ ފުލުހުންނާއި އެމީހުންގެ އާޢިލާތަކުން ވަޒަންވެރިވެގެން ދިރިއުޅެމުންދާ ސަރަޙައްދެކެވެ.
ޕެޝާވަރުގެ ސަލާމަތީ ހާލަތަށް ރިޢާޔަތް ކޮށް، މިސްކިތްތައް އަޅާފައި ހުންނަނީ ނަމާދު ކުރުމަށްޓަކާ، ފުލުހުން އެ ސަރަޙައްދު ދޫކޮށް ދާން ނުޖެހޭ ގޮތަށެވެ.
ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވީ، ބޮން ގޮއްވާލި މީހާ އެ ޖަރީމާ ހިންގީ ނަމާދު ޖަމާޢަތުގެ އެންމެ ފުރަތަމަ ސަފުގައި ހުރެގެން ކަމަށެވެ.
ހަމަލާ ޒިންމާ، ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން އުފުލި ކަމުގެ ކަށަވަރު މަޢުލޫމާތެއް އަދި ނުލިބެއެވެ. ނަމަވެސް ތަހްރީކީ ޠާލިބާން ޕާކިސްތާނުން ކަފިވި ގޮތްޕެއް ކަމަށްވާ ޚޫރަސާނީއިން އެ ހަމަލާގެ ޒިންމާ އުފުލާފައި ވާ ކަމަށް ސަނާއުއްލާ ވިދާޅުވި ކަމަށް ރޮއިޓަރޒްއިން ވަނީ ރިޕޯޓް ކޮށްފައެވެ.