އިނގިރޭސިވިލާތުގެ ފުޑް އެންޑް ޓްރެވަލް މެގަޒިން ރީޑަރ އެވޯޑްސް 2022ގައި ބެސްޓް ލޯންގްހޯލް ޑެސްޓިނޭޝަން އޮފް ދަ އިޔަރ އެވޯޑު ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.
ރާއްޖެއިން މި އެވޯޑު ހާސިލްކުރީ ކެނެޑާ، އިކުއެޑޯ، ފީޖީ، ޖަޕާން، ނަމީބިއާ، ސީޝެލްސް، ދެކުނު އެފްރިކާ، ދެކުނު ކޮރެއާ އަދި ދަ ކެރީބިއަން ފަދަ ބޮޑެތި ނަން މަޝްހޫރު މަންޒިލްތަކާ ވާދަކޮށްގެންނެވެ.
ފާއިތުވި 25 އަހަރު ނެރެމުންދާ އިނގިރޭސިވިލާތުގެ ފުޑް އެންޑް ޓްރެވަލް މެގަޒިންއަކީ ދުނިޔޭގެ އެންމެ ނަގާކިޔާލެވޭ ގޭސްޓްރޮނޮމިކް ޓްރެވަލް މަޖައްލާތަކުގެ ތެރޭގައި ހިމެނޭ މަޖައްލާއެކެވެ. ގްރީން ޕީ ޕަބްލިޝިންގ ލިމިޓެޑުން ޝާއިއުކުރާ މި މަޖައްލާގެ 7 އިންޓަނޭޝަނަލް އެޑިޝަން ނެރެއެވެ. މި މަޖައްލާގެ ފުޑް އެންޑް ޓްރެވަލް މެގަޒިން ރީޑަރ އެވޯޑްސްއަކީ އެ މަޖައްލާ އުފެދުނު ދުވަހުން ފެށިގެން، ހޮސްޕިޓަލިޓީއާއި ޓްރެވަލް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ފުޑް އެންޑް ބެވަރޭޖް އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކާއި، ޚިދުމަތްދޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ މި އެވޯޑުގައި 23 ކެޓަގަރީއަކުން ފާހަގަކޮށްލެވޭ އެވޯޑްތަކެއް ދެއެވެ. އޭގެ ތެރޭގައި އެންމެ ރަނގަޅު ރެސްޓޯރެންޓްތަކާއި ޝެފުންނާއި ހޮޓެލްތަކާއި މަންޒިލްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި ކްރޫޒް ކުންފުނިތަކާއި އެއަރލައިންތައް ހިމެނެއެވެ.
އިނގިރޭސިވިލާތަކީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އެއް މާކެޓެވެ. 22 ޖެނުއަރީ 2023ގެ ނިޔަލަށް އިނގިރޭސިވިލާތަކީ މި އަހަރު ރާއްޖެއަށް 3 ވަނައަަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓްއެވެ. މި މުއްދަތުގައި މި މާކެޓުން ރާއްޖެއަށް 10،025 މީހުން އައިސްފައިވާއިރު، މިއީ %8.2 މާކެޓް ހިއްސާއެވެ. އެމްއެމްޕީއާރުސީން ވަނީ މި މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓައި އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް 2022 ވަނަ އަހަރު ހިންގާފައެވެ.
މިގޮތުން ޑަބްލިއުޓީއެމް ލަންޑަން 2022 ފަދަ ބޮޑެތި ފެއަރތަކުގައި ބައިވެރިވެ، އިނގިރޭސިވިލާތުގެ ލަންޑަން، މެންޗެސްޓަރ އަދި ނިއުކާސަލްގައި ވަނީ މިދިޔަ އަހަރު ރޯޑްޝޯތަކެއް ބާއްވާފައެވެ. އަދި ބްރިޓިޝް އެއަރވޭސްއާއެކު ޖޮންއިންޓް މާކެޓިންގ ކެމްޕޭނެއް ހިންގައި، ޓްރެވަލް އެޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި އަދި މީޑިއާތަކާއެކު މާކެޓިންގ އަދި ބްރޭންޑް އެވެއަރނަސް ކެމްޕޭންތައް ހިންގުމުގެ އިތުރުން ފެމިލިއަރައިޒޭޝަން ދަތުރުތައް ވަނީ ހިންގާފައެވެ. މި މާކެޓަށް އަމާޒުކޮށްގެން މިފަދަ ގިނަ ހަރަކާތްތަކެއް 2023 ވަނަ އަހަރު ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފައެވެ.