ކ. މާލެ
|
2 ފެބްރުއަރީ 2023 | ބުރާސްފަތި 09:38
ވިލިމާލޭގައި ދުއްވާ އީވީ ބަހެއް
ވިލިމާލޭގައި ދުއްވާ އީވީ ބަހެއް
އެމްޓީސީސީ
ވިލިމާލެ ބަހުގެ ޚިދުމަތް
ވިލިމާލެ ބަހުގެ ޚިދުމަތުން ހުކުރު ދުވަހުން ފެށިގެން އަގު ނަގަނީ
 
ޚިދުމަތުގެ އަގަކީ 5 ރުފިޔާ
 
ކިއުއާރު، ކަރުދާސް ޓިކެޓް އަދި ކާޑު މެދުވެރިކޮށް ޓިކެޓް ނެގޭނެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަށުން ވިލިމާލޭގައި ދެމުންގެންދާ އީވީ ބަހުގެ ޚިދުމަތުން ހުކުރު ދުވަހުން ފެށިގެން އަގު ނަގާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްޓީސީސީ އިން ބުނީ މި ޚިދުމަތް ކޮންމެ ދުވަހަކު 24 ގަޑިއިރު ލިބޭނެ ކަމަށާއި މި ޚިދުމަތަށް ކަނޑައަޅާފައިވާ އަގަކީ 5 ރުފިޔާ ކަމަށެވެ. އާރްޓީއެލް ވިލިމާލޭ ބަހުގެ ޚިދުމަތަށް 3 ޒަރީޢާއަކުން ފައިސާދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޓީސީސީ އިން ބުނެއެވެ. އެއީ އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިއުއާރް ޓިކެޓް ނަގައިގެންނާއި، ކޮންކްޓެކްޓްލެސް މާސްޓަރ ކާޑު އަދި ވިސާ ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށެވެ. މީގެ އިތުރުން ބަހުން ކަރުދާސް ޓިކެޓް ލިބެން ހުންނާނެއެވެ.

އެމްޓީސީސީ އިން ބުނީ ކަރުދާސް ޓިކެޓް ލިބޭނީ ބަހުގެ ތެރެއިން ކަމަށެވެ. އަދި ޓަރމިނަލްތަކުން ބަހުގެ ޚިދުމަތުގައި ބޭނުންކުރާ ކަރުދާސް ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނުހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން ޓިކެޓުގެ ފައިސާ ލާނެ ޙާއްސަ ފޮއްޓެއް ބަސްތެރޭގައި ބެހެއްޓިފައި ހުންނާނެ ކަމަށާއި ބަސް ތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމާއެކު، ހުރިހާ ފަރާތްތަކުން ވެސް ސީދާ ޓިކެޓުގެ އަގު ހަމަވާނެހެން ފައިސާ ގެންދިއުމަށް އެމްޓީސީސީން އެދެއެވެ.

ބަހުގައި ފައިސާ މާރުކުރެވެން ހަމަޖެހިފައި ނުވާ މައިގަނޑު ސަބަބަކީ ކަސްޓަމަރުންގެ ވަގުތު ސަލާމަތް ކުރުމަށާއި، ބަހުގެ ޝެޑިއުލަށް ބުރުލެއް އެރިޔަ ނުދިނުމަށް ކަމަށާއި އަދި ކަރުދާސް ޓިކެޓް ގަނެވޭނެ އިންތިޒާމް ހަޖައްސާފައިވުމުގެ މައިގަނޑު މަޤްޞަދަކީ އިސް ރަށްވެހީންނަށް މި ޚިދުމަތް ބޭނުންކުރުމުގައި ފަސޭހަކޮށްދިނުން ކަމަށް ވެސް އެމްޓީސީސީ އިން ބުނެއެވެ.

ކިއުއާރް ޓިކެޓް އާރްޓީއެލް ޓްރެވަލް އެޕް، އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކިއުއާރް ޓިކެޓް ސްކޭންކުރުމަށްޓަކައި ބަހަށް އެރުއްވުމަށްފަހު، ޓިކެޓް ވެލިޑޭޓްކުރުމަށް ކަނޑައެޅިފައިވާ މެޝިންއަށް ދިމާކުރުމަށްފަހު ސްކޭންކޮށްލަން ޖެހޭނެއެވެ. މީގެ އިތުރުން، ދުނިޔޭގެ ކޮންމެ ބޭންކެއްގެވެސް ކޮންޓެކްޓްލެސް މާސްޓަރ ކާޑާއި އަދި ވިސާ ބްރޭންޑުގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް އަތުގައި އޮވެއްޖެނަމަ އާރްޓީއެލް ވިލިމާލެ ބަހުގެ ޚިދުމަތުގައި ވެސް ޓެޕް އެންޑް ޕޭ މެތަޑުން ފައިސާ ދެއްކޭނެއެވެ.

މާސްޓަރ ކާޑު އަދި ވިސާ ބްރޭންޑުގެ ކޮންޓެކްޓްލެސް ކާޑު މެދުވެރިކޮށް ޓިކެޓަށް ފައިސާ ދެއްކުމަށް ބޭނުންވާ ވެލިޑޭޓަރ ވިލިމާލޭގެ ހުރިހާ އާރްޓީއެލް ބަހެއްގައިވެސް ހަރުކުރެވިފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އާރްޓީއެލް ބަހުގެ ޚިދުމަތަށް ފައިސާ ދެއްކުމަށް ކޮންޓެކްޓްލެސް ކާޑު، ބަހުގައި ހަރުކުރެވިފައިވާ ވެލިޑޭޓަރގެ ސްކޭނަރުގައި ޓެޕްކޮށްލުމުން ނުވަތަ ޖައްސާލުމުން ވަގުތުން ފައިސާ ދެއްކޭނެއެވެ.

ޓްރައިއަލް މުއްދަތަށްފަހު، ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށުނަސް، މި ޚިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ލިބޭނެއެވެ. ހަމައެހެންމެ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުން، ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށް ވެސް ބަހުގައި ހިލޭ ދަތުރު ކުރެވޭނެއެވެ.

އާރްޓީއެލް ވިލިމާލޭ ބަހުގެ ރޫޓް މެޕް އާރްޓީއެލް ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފެންނަން ހުންނާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އާރްޓީއެލް ބަހުގެ ޙިދުމަތް ވިލިމާލޭގައި ފެށިގެން މިވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި، ކަސްޓަމަރުންގެ ފަރާތުންނާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބާއި އެއްބާރުލުމެއް ލިބިގެންދިޔަ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް