ކ. މާލެ
|
2 ފެބްރުއަރީ 2023 | ބުރާސްފަތި 08:28
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
ބުކިންގ.ކޮމް
ފަތުރުވެރިކަން ތަރައްގީކުރުން
ބޯހުރާ އުނިކޮށް އަނެއްކާވެސް ރަށްތައް ބީލަމަށް
14 ތަނެއް ތަރައްްޤީކުރުމަށް ސަރުކާރުން ފުރަތަމަ ހުޅުވާލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު
ބީލަމަށް ހުޅުވާލި ރަށްރަށުގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ދައްކަން ޖެހެނީ ކ. ކާށިދޫ ފަޅާއި ނިލަންދޫ ފަޅަށް

ރާއްޖޭގައި ރިސޯޓް ތަރައްގީކުރުމަށްޓަކައި ކުރިން ހުޅުވާލި ރަށްރަށުގެ ތެރެއިން މ. ބޯހުރާ އުނިކޮށް އަލުން ބީލަމަށް ހުޅުވާލައިފިއެވެ.

2019 ވަނަ އަހަރު ވެސް ބޯހުރާ ރިސޯޓް ތަރައްގީކުރަން ހުޅުވާލިއެވެ. ބޯހުރާގައި ރިސޯޓް ތަރައްޤީކުރަން ހުޅުވާލުމަށް ފަހު އެ ސަރަހައްދު ބީލަމަށް ހުޅުވާލި ތަންތަނުގެ ތެރެއިން އުނިކޮށްފައި މިވަނީ އެ ސަރަހައްދު ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމާއި މެދު ބައެއް އާއްމުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ސަބަބަކީ ބޯހުރާ އަކީ ރާއްޖޭގައި ރާޅާ އެޅުމަށް މަޝްހޫރު ސަރަހައްދަކަށްވުމެވެ. މީގެ ކުރިން ބޯހުރާ ހިމެނޭހެން 14 ތަނެއް ތަރައްްޤީކުރުމަށް ސަރުކާރުން ހުޅުވާލާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހުގެ 25 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޯހުރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ނިންމީ އެ ރަށް ކައިރީގައި އޮންނަ ސާފް ޕޮއިންޓް، ބޯހުރާގެ ބައުންޑްރީގައި ނުހިމެނޭ ގޮތަށް ކަމަށެވެ. ފަތުރުވެރިކަމަށް ދޫކުރާ ތަންތަނުގެ ސަރަހައްދު ކަނޑައެޅުމުގެ ގާނޫނުގެ ދަށުން ބައުންޑްރީ ކަނޑައަޅަނީ ސަރފް ޕޮއިންޓްތައް ނުލާ ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ބީލަމަށް ދޫކުރާ ރަށްތަކުގެ މައުލޫމާތު ދިނުމުގެ ބަައްދަލުވުން ބާއްވަން ހަމަޖެހިފައި އޮތީ މިމަހުގެ ހަވަނަ ދުވަހުއެވެ. އެހެންނަމަވެސް މިހާރު އެ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. މި ބައްދަލުވުމުގެ ތާރީހަށް ބަދަލު ގެނެސްފައި ވަނީ ފެބްރުއަރީ ހަވަނަ ދުވަހަކީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ކަމަށް ވުމުންނެވެ. ބީލަމަށް ހުޅުވާލި 14 ރަށުގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ދައްކަން ޖެހެނީ ކ. ކާށިދޫ ފަޅާއި ނިލަންދޫ ފަޅަށެވެ. އެ މިނިސްޓްރީ އިން ބުނީ ކ. ކާށިދޫ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދަކާއި ފ. ނިލަންދޫ ފަޅުން 10 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓު ތަރައްގީ ކުރަން ކަނޑައަޅާފައިވާކަމަށެވެ. އެ ދެ ސަރަހައްދަށް އެކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި އެންމެ ދަށްކޮށް 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެއެވެ. މި ރަށްތައް ބީލަމަށް ހުޅުވާލާފައި ވަނީ އޯޕަން ބިޑިން މަރުހަލާގެ ދަށުންނެވެ.

- ކޮމެންޓް