ރިސޯޓެއްގައި ކުއްލި ގޮތަކަށް މަރުވި އަދީލް އަހުމަދުގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ 21 އަހަރުގެ އަދީލް މަރުވި ކަމުގެ ރިޕޯޓު ލިބިފައިވަނީ 23 އޯގަސްޓް 2025 ގައެވެ. މިމަރުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާއި ގުޅިގެން އޮޓޮޕްސީ ހެދުމަށް ހަށިގަނޑު އިންޑިއާއަށް ފޮނުވައި އޮޓޮޕްސީ ހަދާފައިވެއެވެ.
އަދީލްގެ ހަށިގަނޑު އާއިލާގެ ނުރުހުމުގައި އޮޓޮޕްސީ ހެދުމަށްފަހު ވަޅުލާފައިވަނީ 5 ސެޕްޓެންބަރު 2025 ގައެވެ.
އޮޓޮޕްސީ ރިޕޯޓާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން ފުލުހުން ބުނީ، ބުރާސްފަތި ދުވަހާ ހަމައަށް އަދީލްގެ އޮޓޮޕްސީ ރިޕޯޓު ލިބިފައިނުވާ ކަމަށެވެ. އަދި އިތުރު ތަފްސީލެއް ދީފައިނުވެއެވެ.
ރާއްޖެއެމްވީއަށް އަދީލްގެ މަންމަ ނާޖިދާ ހަސަން ބުނީ، އަދީލްގެ މަރާ ގުޅޭ މައުލޫމާތު މިހާތަނަށް ފުލުހުން ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި އަދީލްގެ މަރާ ގުޅިގެން މިއަދާ ހަމައަށް ފުލުހުން އަމަލުކޮށްފައިވާ ގޮތުން އަދީލްގެ މަރަށް އިންސާފު ލިބޭނެ ކަމަށް އުންމީދުނުކުރާ ކަަމަށާއި، ވަރަށް ގިނަ ކަންކަން ސިއްރު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.
މީގެ އިތުރުން ނާޖިދާ ވަނީ އޭނާގެ ދަރިފުޅު، އަދީލް އަމިއްލައަށް މަރުވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.