ރެއާލް ބެޓިސް ބަލިކޮށް, ބާސެލޯނާއިން ލަލީގާ ތާވަލްގެ އެއް ވަނައިގައި ލީޑް 8 ޕޮއިންޓަށް ފުޅާކޮށްފިއެވެ.
މެޗަށް ނުކުތްއިރު ވެސް ފަސް ޕޮއިންޓްގެ ލީޑަކާއެކު އޮތް ބާސެލޯނާއިން ރެއާލް ބެޓިސް ބަލިކުރީ 2-1 ނެވެ. ބާސާއިން މެޗުގައި ދެ ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. ފުރަތަމަ ލަނޑު ޖެހީ ބްރެޒިލްގެ ރަފީނިއާއެވެ. ދެވަނަ ލަނޑު ޖެހީ ލެވާންޑޯސްކީއެވެ. މިއީ މިސީޒަންގައި ބާސާއަށް ބަދަލުވެ ލީގުގައި ލެވާންޑޯސްކީ ޖެހި 14 ވަނަ ގޯލެވެ. ލީގުގެ ލަނޑު ލިސްޓްގެ ކުރީގައި އޮތީވެސް އޭނާއެވެ. ބާސާއިން ދެގޯލްގެ ލީޑެއް ނެގިފަހުން ފަރަގު ކުޑަވީ ކޫންޑޭ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މެޗުގައި ބާސާއިން ފުރަތަމަ ގޯލް ޖެހުމުގެ ކުރިން ޕެޑްރީ ފޮނުވާލި ތިން ބޯޅައެއް ރެއާލް ބެޓިސްގެ ކީޕަރު ރުއި ސިލްވާ މަތަކުރިއެވެ.
މިމޮޅާއެކު ބާސެލޯނާއިން ވަނީ 19 މެޗުން 50 ޕޮއިންޓް ހަމަކޮށްފައެވެ. ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ 18 މެޗުން 42 ޕޮއިންޓާއެކުއެވެ. ރެއާލްއަށް ކުރިއަށް އޮތީ ވެލެންސިޔާއާ ވާދަކުރަން ޖެހޭ މެޗެވެ.