ކ. މާލެ
|
2 ފެބްރުއަރީ 2023 | ބުރާސްފަތި 12:23
ގދ. ތިނަދޫ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
ގދ. ތިނަދޫ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
ތިނަދޫ ކައުންސިލް
ތިނަދޫ ކައުންސިލްގެ އޮޑިޓް
ކައުންސިލް ބައްދަލުވުންތަކާއި ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުންތައް ތިނަދޫ ކައުންސިލުން ބާއްވާފައިނުވޭ - އޮޑިޓް
 
ހަފްތާ ބައްދަލުވުންތައް ބާއްވާފައި ނުވޭ
 
އާންމު ބައްދަލުވުން ބޭއްވިކަމުގެ ލިޔެކިޔުން ދީފައި ނުވޭ

ކައުންސިލްގެ ހަފްތާ ބައްދަލުވުންތައް ގަވާއިދުން ބާއްވާފައި ނުވާ ކަމަށާއި، ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުންތައް ބާއްވާފައި ނުވާ ކަމަށް ގދ. ތިނަދޫ ކައުންސިލް އިދާރާގެ 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީ މަހާއި ޖުލައި މަހު ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން ބާއްވަންވާނެ ކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ފެބްރުއަރީ މަހުގައި ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރު އަހަރީ ރިޕޯޓާއި، މާލީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހަޅަންވާނެ ކަމަށާއި، ޖުލައިމަހު ބާއްވާ ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި، ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދަންވާނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންނާ ބައްދަލުކުރުމުގެ 7 ދުވަސް ކުރިން އެ ރިޕޯޓްތަކާއި ޕްލޭނާއި ބަޖެޓުގެ މައުލޫމާތު އާންމުކޮށް ހަމަކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް 2020 ވަނަ އަހަރުގެ ޖުލައި މަހުގައި ބާއްވަންޖެހޭ ބައްދަލުވުން ބޭއްވިކަމުގެ ލިޔެކިޔުންތައް (އިއުލާން/ޔައުމިއްޔާ) އޮޑިޓަރުންނަށް ފޯރުކޮށްދީފައި ނުވުމުގެ ސަބަބުން ގާނޫނާއި އެއްގޮތަށް ރައްޔިތުންނަށް މައުލޫމާތު ދިނުމަށްޓަކައި ބައްދަލުކޮށްފައިވާކަން ކަށަވަރު ކުރެވިފައި ނުވާކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

އޮޑިޓްގައި ބުނެފައިވަނީ ރަށުގެ ރައްޔިތުންނަށް މައުލޫމާތު އާންމުނުކުރުމާއި ކަނޑައެޅިފައިވާ ގޮތަށް ރައްޔިތުންނަށް ބައްދަލުނުކުރުމަކީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާކޮށްގެން ނިންމަންޖެހޭ ކަންތައްތައް ނިންމުމުގައި ހުރަސްތަކާއި ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 68 ވަނަ މާއްދާއިން ގެނެސްފައިވާ އިސްލާހުގައިވާގޮތުން ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން ކޮންމެ ހަފްތާއަކު އެއްފަހަރު، އަދި އަތޮޅު ކައުންސިލްތަކުން މަހަކު އެއްފަހަރު ކައުންސިލްގެ ތާވަލުކުރެވިފައިވާ އާންމު ބައްދަލުވުން ބާއްވަންޖެހޭ ކަމަށެވެ.

ނަމަވެސް ތިނަދޫ ކައުންސިލް އިދާރާއިން ކޮންމެ ހަފްތާއަކު އެއްފަހަރު ކައުންސިލްގެ ތާވަލުކުރެވިފައިވާ އާންމު ބައްދަލުވުމެއް ބާއްވާފައިނުވާ ކަމަށެވެ. އެގޮތުން ކައުންސިލުން ބާއްވަންޖެހޭ އާންމު ބައްދަލުވުންތައް ގަވާއިދުން ނުބާއްވާނަމަ ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ނުނިމި ދިގުލައިގެން ދިއުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް