ކ. މާލެ
|
1 ފެބްރުއަރީ 2023 | ބުދަ 14:55
އޭސީސީއާ އިމިގްރޭޝަނާމެދު އެމްއޯޔޫއެއްގައި ސޮއިކުރުން
އޭސީސީއާ އިމިގްރޭޝަނާމެދު އެމްއޯޔޫއެއްގައި ސޮއިކުރުން
އޭސީސީ
ނަޒާހަތްތެރިކަމާ ގުޅޭ އެމްއޯޔޫ
ކޮރަޕްޝަނަށް އޮތް ހިރާސް ކުޑަކުރުމަށް މަސައްކަތްކުރުމަށް އޭސީސީއާ އިމިގްރޭޝަނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
ކޮރަޕްޝަން ވިޔަނުދިމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެވޭނެ
މިއީ ދެ މުއައްސަސާ ގުޅިގެން ގައުމީ ޚިދުމަތުގައި ދެމިތިބުމަށް އިތުރު ބާރަކަށް ވެގެންދާނެ
މުވައްޒަފުންނަށްވެސް އެދެވޭ ތަޖުރިބާއާ ތަމްރީނު ލިބިގެން ދާނެ

އިމިގްރޭޝަން ދާއިރާގައި ނަޒާހަތްތެރިކަން ކުރިއަރުވައި އިދާރީ ހިންގުމުގެ ތެރެއިންނާއި، ޚިދުމަތް ދިނުމުގައި ކޮރަޕްޝަނަށް އޮތް ހިރާސް ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އިމިގްރޭޝަންގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މި ފަހުމުނާމާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވި ކޮމިޝަނުންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލްއެވެ. އަދި މޯލްޑިވްސް އިމިގެރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން އެވެ.

މިފަހުމުނާމާގެ ދަށުން، ކޮމިޝަނުން ކުރަމުން ގެންދާ ތަޙުޤީޤުތަކާ ގުޅިގެން ކޮމިޝަނަށް އެއްބާރުލުން ދިނުމާއި، ކޮރަޕްޝަން ވިޔަނުދިމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެވި އެ މަޤްޞަދު ޙާޞިލުކުރެވޭނޭ ގޮތެއްގެ މަތިން ކުރާނޭ މަސައްކަތްތައް ކަނޑައެޅިގެންދާނެއެވެ.

އެގޮތުން ދެ މުއައްސަސާގެ ދެމެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި ދިމާވާކަންކަމުގައި ފީޑްބެކް ޕްރޮސެސްއެއް ޤާއިމްކޮށް ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމާއި، ދެ މުއައްސަސާއިން ކުރިއަށްގެންދާ ތަމްރީނު ޕްރޮގުރާމްތަކުގައި، ދެ މުއައްސަސާގެ މުވައްޒަފުން ބައިވެރިކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭސީސީގެ މެންބަރު ޝިޔާމާ މުޙައްމަދު ވިދާޅުވީ ދެ މުއައްސަސާގެ މެދުގައި ފުޅާ ދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކަށްފަހު ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން އެންމެ މުހިންމު ކަމެއްގެގޮތުގައި ފާހަގަކުރެވެނީ އޭސީސީގެ ތަޙުޤީޤުތަކަށް މަޢުލޫމާތު ހޯދުމުގައި އިމިގްރޭޝަންގެ ޑޭޓާބޭސްތަކަށް ކަނޑައެޅޭ ވަކި ލިމިޓެއްގެ ތެރެއިން ނަމަވެސް އޭސީސީއަށް އެކްސެސް ދެވިގެންދިއުންކަމަށެވެ.

މި ފަހުމުނާމާއަކީ އިމިގްރޭޝަން ދާއިރާގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި ދެ މުއައްސަސާ ގުޅިގެން ގައުމީ ޚިދުމަތުގައި ދެމިތިބުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިފަހުމުނާމާއިން ފާހަގަވާން އޮތް އެންމެ މުހިންމު އެއް ކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަހުޤީޤަށް މަޢުލޫމާތު ހޯދުމުގައި އިމިގްރޭޝަންގެ ޑާޓާ ބޭސް މެދުވެރިކޮށް ކަނޑައެޅޭ ވަކި މިންގަނޑެއްގެ ތެރެއިން އެ މުވައްސަސާއަށް މަޢުލޫމާތު ލިބިގެން ދިއުންކަމުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކޮރަޕްޝަނާ ދެކޮޅަށް މުވައްޒަފުން ހޭލުންތެރިކުރުމަށް ދެ މުއައްސަސާއިން ގުޅިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގައި، މުވައްޒަފުން ބިނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ޤަބޫލުކުރާކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވީ، އިމިގްރޭޝަން ފަދަ މުހިއްމު ޚިދުމަތެއް ފޯރުކޮށްގެންތިބޭ މުއްސަސާއެއްގެ ކޮންމެ މުވައްޒަފަކީވެސް ނަޒާހަތްތެރިކަން އިސްކުރާ އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރަންޖެހޭ މީހަކަށް ވާންޖެހޭނެކަމަށެވެ.

އަދި މި ސޮއިކުރެވުނު އެއްބަސްވުމާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނުތަކުގެ ސަބަބުން، ކޮރަޕްޝަންގެ އަމަލުތަކަށް އިތުރަށް ހޭލުންތެރިވެ މުވައްޒަފުންނަށްވެސް އެދެވޭ ތަޖުރިބާއާ ތަމްރީނު ލިބިގެން ދާނެކަށްވެސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި އޭސީސީގެ މެންބަރުންނާއި އިސްވެރިންގެ އިތުރުން އިމިގްރޭޝަންގެ އިސްބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

- ކޮމެންޓް