އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗުގައި ޣާޒީ ސްކޫލް އަތުން ބަލިވެ މާފުށި ސްކޫލް މުބާރާތުން ކަޓައިފި އެވެ.
ހޯމަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުން މާފުށި ސްކޫލް ބަލިވީ 6-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޣާޒީ ސްކޫލް އިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގައި ޣާޒީ ސްކޫލްގެ އަޙުމަދު އަޒްލަން އަލީ އާއި މުޙައްމަދު އައިހަމް އިބްރާހީމް ވަނީ ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ޖަހައި ހެޓްރިކް ހަަދައިފަ އެވެ. އަޒްލަން އޭނާގެ ލަނޑުތައް ޖެހީ މެޗުގެ 13 ވަނަ މިނެޓާއި، ފުރަތަމަ ހާފުގެ އިތުރު ވަގުތު އަދި 52 ވަނަ މިނެޓުގަ އެވެ. އައިހަމް އޭނާގެ ލަނޑުތައް ޖެހީ 31 ވަނަ މިނެޓާއި، 39 ވަނަ މިނެޓު އަދި 47 ވަނަ މިނެޓުގަ އެވެ.
މި މޮޅާއެކު ޣާޒީ ސްކޫލް އަށް ވަނީ ގްރޫޕް އޭގެ އެއް ވަނަ ޔަގީންވެފަ އެވެ. ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ އެ ޓީމު ވަނީ 12 ޕޮއިންޓާއެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. މި ގްރޫޕްގެ ދެ ވަނައިގައި ކުއާޓާ ފައިނަލަށް ދަތުރުކުރީ އިމާދުއްދީން ސްކޫލް އެވެ. ގްރޫޕްގެ ތިން ވަނަ މާފުއްޓަށް ލިބޭއިރު، ހަތަރު ވަނަ ލިބެނީ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް އެވެ. ފުލުގައި އޮތީ މަޖީދިއްޔާ އެވެ.