"ފިކުރެއްގެ ދިރުން" މި ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި އަލުން ފަށައި، ޕާޓީގެ ތެރެއިން "ފިކުރެއްގެ ދިރުން" ގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެނޑިޑޭޓަކު ނެރުމަށް ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމާމެދު އަލުން ވިސްނާވަޑައިގަތުމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއިލް އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު އިންތިޚާބަކުން ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ކާމިޔާބުކުރައްވާފައި ވަނިކޮށް ހޯމަ ދުވަހު ރައީސް ނަޝީދު ވަނީ ރައީސް ސާލިޙާއެކު 2023 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަކަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ނުކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ، "ފިކުރެއްގެ ދިރުން" މި ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި އަލުން ހަދައި، އެމްޑީޕީގެ ދަފްތަރުން އުނިވެފައިވާ 39 ހާހަށްވުރެ ގިނަ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށްފަހު، އެ މީހުންނާއެކު ގޮތެއް ނިންމުމަށް ފެނިވަޑައިގަންނަވާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، "ފިކުރެއްގެ ދިރުން" ގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެނޑިޑޭޓު ކަނޑައަޅާނީ ފަހުން ކަމަށެވެ. އެހެންނަމަވެސް، ރިޔާސީ އިންތިޚާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެއްބަސްވާ ކެނޑިޑޭޓަކަށް ތާއީދު ކުރަން ފަސޭހަފުޅު ވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ، ޕާޓީގެ އުސޫލާއި ޤަވާއިދު ބަދަލުނުކޮށް، އެކަން ކުރެވޭނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އެގޮތުން ޓިކެޓު ކާމިޔާބު ކުރާ ފަރާތަކީ ޕާޓީގެ ކެނޑިޑޭޓުކަން ފާހަގަ ކުރައްވައި ފައްޔާޒު ވަނީ އަލުން އެކަމާމެދު ވިސްނާވަޑައިގަތުމަށް އެދިލައްވާފައެވެ.
އޭގެ އިތުރުން، 39،000 މެންބަރުން ޕާޓީއަށް ވެއްދުމަށް މަސައްކަތް ކުރުން ރަނގަޅުކަން ފާހަގަކުރައްވައި ފައްޔާޒު އިތުރަށް ވިދާޅުވީ، މެއި މަހުން ފެށިގެން ޕާޓީގެ ސެކެޓްރިއޭޓުން އެކަން ކުރަމުން ދިޔައިރު ހުރިހާ ދާއިރާގެ ރައީސުންނާއި މަޖިލިސް މެންބަރުންގެ އެއްބާރުލެއްވުން ފުރިހަމައަށް ލިބިވަޑައިގެންނެވިނަމަ ރަނގަޅުވީސް ކަމަށެވެ. އޭރު ކުރި މަސައްކަތުން 6000 މެންބަރުން އަލުން ޕާޓީއަށް ވެއްދިފައިވާކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
އެހެންނަމަވެސް ބާކީ ތިބި 33،000 މެންބަރުން ވެއްދުމުގެ މަސައްކަތް ކުރިއަށް ގެންދެވުން އަދިވެސް ރަނގަޅު ކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ވޯޓު ލީ މީހުންނަށް ބަލާއިރު، އިންތިޚާބުން މޮޅުވީ ރައީސް ސާލިޙުކަން އެމަނިކުފާނު ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އިންތިޚާބުގައި އޮޅުވާލުންތަކެއް ވެސް އެބަ ހުއްޓެވެ. އެ އޮޅުވާލުންތައް އެއްކިބާކޮށްފިނަމަ ރައީސް ސާލިޙަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު އުނިވި ނަމަވެސް، ކުޑަ ފަރަޤަކުންވެސް އިންތިޚާބުގައި މޮޅުވާނީ ރައީސް ސާލިޙުކަމަށް ރައީސް ނަޝީދު ޤަބޫލުކުރައްވައެވެ.