Advertisement
ކ. މާލެ
|
29 ޖެނުއަރީ 2023 | އާދީއްތަ 17:37
އިންތިޚާބާއި ބެހޭ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އިންތިޚާބާއި ބެހޭ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބު
އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބާއި ގުޅިގެން މިހާތަނަށް ހުށަހެޅީ 60 ޝަކުވާ
ރަސްމީ ޕޯޓަލަށް 50 ޝަކުވާ ހުށަހަޅާފައިވާއިރު ފޯނަށް ލިބުނީ 10 ޝަކުވާ

އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބާއި ގުޅިގެން މިހާތަނަށް ހުށަހަޅާފައިވަނީ 60 ޝަކުވާ ކަމަށް އިންތިޚާބާ ބެހޭ ކޮމެޓީން ބުނެފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ޝަކުވާ ބަލާ ކޮމިޓީގެ މުޤައްރިރު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ރަސްމީ ޕޯޓަލަށް 50 ޝަކުވާ ހުށަހަޅާފައިވާއިރު ފޯނަށް ލިބުނީ 10 ޝަކުވާ ކަމަށެވެ. އަދި ބޮޑަށް ފާހަގަވެފައި ހުރީ ވޯޓް ލިސްޓްގައި މެމްބަރުންގެ ނަން ނެތުމުގެ ޝަކުވާ ކަމަށެވެ.

ކޮމެޓީގެ މެމްބަރުން އަނަސް އަބްދުއްސައްތާރު ވިދާޅުވީ ބައެއް ޝަކުވާތަކަށް ބަލާއިރު ތާޖުއްދީން ސްކޫލުގައި ހުރި ގއ. ވިލިނގިލީގެ ވޯޓް ފޮށީގައި އެހެން މީހެއްގައި ނަމުގައި މީހަކު ވޯޓްލި މައްސަލަ އެއް ފެންމަތި ވިކަމަށެވެ.

އަދި ވޯޓް ކަރުދާސް ދެއްކުމަށްފަހު، މީހަކު ވޯޓްލާ ކަމަށް ބުނެ ކެންޑިޑޭޓެއްގެ މަންދޫބެއް ފޮޓޯއެއް ފޮނުވި ކަމަށާއި އެ ފޮޓޯ ބަލާލުމުން ކަރުދާސް ފަތް ޖަހާތަން ފެނުނު ކަމަށް އަނަސް ވިދާޅުވިއެވެ. އަދި އިތުރު ހެއްކެއް ހުށަހަޅާފައި ނެތުމުން އެކަހަލަ ބާވަތުގެ މައްސަލަ ބަލަން އުނދަގޫވި ކަމަށް ވިދާޅުވިއެވެ.

Advertisement

ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން އިބްރާހީމް ވަހީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އަކީ ސައްހަ އިންތިހާބެއް ކަމަށާއި ވޯޓުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނެތް ކަމަށެވެ.

އިބްރާހިމް ވަހީދު އިތުރަށް ވިދާޅުވީ، މިއީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ކާމިޔާބު އަދި އެންމެ ފުރިހަމަ އިންތިހާބު ކަމަށެވެ. އަދި  ހުރިހާ ރަށެއްގައި ވޯޓު ފޮށި ބެހެއްޓި، ވޯޓުލުން ނިމުމާއެކު ހަމަ އެ ދުވަހު ވަގުތީ ނަތީޖާ އިއުލާން ކުރުމަކީ ކާމިޔާބެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ މީގެ ކުރިން އެއްވެސް ޕާޓީއަކަށް އެތެރޭގެ އިންތިހާބެއްގައި ކުރެވުނު ކަމެއް ނޫންކަން ވެސް ފާހަގަކުރެއްވިއެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވީ 61 އިންސައްތަ ނުވަތަ 24،566 ވޯޓުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 38 އިންސައްތަ ނުވަތަ 15،641 ވޯޓެވެ. 57،255 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 40،887 މީހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް