ގއ. ވިލިނގިލީ ރައްޔިތުން އިންތިޒާރުކުރަމުން އައި، ވިލިނގިލި-ކޫއްޑޫ ބްރިޖުގެ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީ ހަދަން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ލކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.
މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 21،404،736 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. މިއީ، ގއ. ވިލިނގިލި އަދި ގއ. ކޫއްޑޫ ބްރިޖަކުން ގުޅާލުމަށްޓަކައި، މި މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިޔަށް ގެންދިއުމަށް ތައްޔާރުކުރަންޖެހޭ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީ ހެދުމުގެ އެއްބަސްވުމެވެ.
ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލާ ބްރިޖަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރައީސް ސާލިހު ގއ. ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ކޫއްޑޫއާއި ވިލިނގިލި ގުޅާލެވޭނެކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލުމަކީ އެހާ ބޮޑު ޚަރަދެއް ދާނެ ކަމެއް ނޫންކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެކަން ވިލިނގިލީ ރައްޔިތުންނަށް ފެނިގެންދާނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.