ކ. މާލެ
|
26 ޖެނުއަރީ 2023 | ބުރާސްފަތި 12:04
އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
ރައީސް ނަޝީދުގެ ސިޓީއަށް އެމްޑީޕީ: އިންތިޚާބު ހައިޖެކް ކުރުމުގެ ފުރުސަތު އެއްވެސް ކެނޑިޑޭޓަކަށް ނުދެވޭނެ
މިފަހަރުގެ އިންތިޚާބަށް 555 ޝަކުވާ މިހާތަނަށް ލިބިފައިވޭ
ސިޓީގައި ހިމެނޭ ބައެއް ކަންކަމަކީ ޕާޓީން މިހާރުވެސް ތަންފީޒު ކުރަމުންދާ ކަންކަން
އެއީ މި ޕްރައިމަރީއާ ގުޅޭ ސިޓީއެއްކަމަށް ޤަބޫލު ނުކުރެވޭ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (ޢެމްޑީޕީ) ޕްރައިމަރީގެ އިންތިޚާބު "ހައިޖެކް" ކުރުމުގެ ފުރުސަތު އެއްވެސް ކެނޑިޑޭޓަކަށް ނުދޭނެކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ފަހުގެ މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބު އިންތިޒާމު ކުރަން ނަގާފައިވާ ކޮމިޓީގެ މުޤައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭނު ޓީމުގެ ފަރާތުން ފޮނުވާފައިވާ ސިޓީއަށް އަލިއަޅުވާލައްވާފައެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، އެއީ މި ޕްރައިމަރީއާ ގުޅޭ ސިޓީއެއްކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އެ ސިޓީގައި އޮތީވެސް 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތާރީޚެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެމްޑީޕީ ޗެއަރޕަރސަން އިންތިޚާބާ ގުޅިގެންވެސް ހަމަ އެ ސިޓީ ލިބިލެއްވި ކަމަށެވެ.

އެއީ އިންތިޚާބުތަކާ ގުޅިގެން އަބަދުވެސް ލިބޭ ސިޓީއެއް ކަމަށާއި، ބަދަލުވަނީ ހަމައެކަނި ސޮއިކުރައްވާ ފަރާތާއި، ލެޓަރ ހެޑް ފަދަ ކަންކަން ކަމަށްވެސް އިބްރާހިމް ވަހީދު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ކެމްޕޭނު ޓީމުގެ ފަރާތުން ފޮނުވި މި ސިޓީއަށް ބަލާއިރު، މިފަހަރު ސިޓީގައި ސޮއި ކުރައްވާފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއަރޕަރްސަން ޙަސަން ލަތީފެވެ.

އެ ސިޓީގައި ބަޔާންކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ސައްޙަކަމާއި، އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ފުރިހަމަ ވާންވާނެކަމަށް ރައީސް މުޙައްމަދު ނަޝީދުގެ ކެންޕެއިނަށް ޤަބޫލުކުރެވޭ ނުކުތާތަކެކެވެ.

އެމްޑީޕީ ޕްރައިމަރީގެ އިންތިހާބު ކޮމިޓީގެ މެންބަރު އަނަސް އަބްދުއްސައްތާރުވެސް ބައިވެރިވެވަޑައިގެންނެވި މި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭފުޅުން ވިދާޅުވީ، އެމްޑީޕީ ޗެއަރޕަރސަން ހޮވުމަށް ބޭއްވި އިންތިޚާބުގައި އެ ސިޓީ ލިބުމުންވެސް، އެ ފަރާތްތަކާ ބައްދަލުކުރައްވައި ކަންކަން ސާފު ކޮށްދެއްވާފައިވާނެ ކަމަށެވެ. އެގޮތުން ސިޓީގައި ހިމެނޭ ބައެއް ކަންކަމަކީ ޕާޓީން މިހާރުވެސް ތަންފީޒު ކުރަމުންދާ ކަންކަންކަން ފާހަގަކުރައްވައި އެބޭފުޅުން ވިދާޅުވީ، ބަޔަކު ސިޓީ ފޮނުވިޔަސް ނުފޮނުވިޔަސް، ޕާޓީގެ އުސޫލުތަކާއި ޤަވާއިދުތަކުގެ ތެރެއިން ކުރެވެން އޮތް މަސައްކަތެއް އެ ޕާޓީން ކުރާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ސިޓީގައި ކެނޑިޑޭޓުން ވޯޓަރސް ލިސްޓުގައި ސޮއި ކުރެއްވުން ވަނީ ހިމެނިފައެވެ. އެކަމާ ގުޅިގެން އިބްރާހިމް ވަހީދު ވިދާޅުވީ، ވޯޓަރސް ލިސްޓު އާންމުކޮށް، ފޮނުވަން ޖެހޭ ތަންތަނަށް ފޮނުވާފައިވާ ކަމަށާއި، ރަނގަޅު ނިޔަތެއް އޮތްނަމަ 2022 ގެ ސިޓީއެއް ފޮނުއްވާނީ އިންތިޚާބަށް ދުވަހަކަށްވީމާ ނޫން ކަމަށެވެ.

ހަމައެއާއެކު، ވޯޓަރސް ލިސްޓުގައި ސޮއި ކުރުމަކީ އެމްޑީޕީން މީގެ ކުރިންވެސް ދެކޮޅު ހަދަމުން އައިސްފައިވާ ކަމެއްކަން ފާހަގަ ކުރައްވައި އެބޭފުޅުން ވިދާޅުވީ، އެއް ފަރާތަކުން ލިސްޓުގައި ސޮއި ނުކޮށްފިނަމަ އިންތިޚާބު ނުބޭއްވޭ ޙާލަތަށް ގޮސް، އިންތިޚާބު ހައިޖެކް ކުރުމުގެ ފުރުސަތަކީ އެމްޑީޕީން ދޭނެ ފުރުސަތެއް ނޫން ކަމަށެވެ.

މި އިންތިޚަބަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވެ ނިމިފައިވާ ކަމަށާއި، މިއީ އިންސާފުވެރި އިންތިޚާބަކަށް ވާނެކަމަށްވެސް ކޮމިޓީން ބުނެއެވެ.

މިފަހަރުގެ އިންތިޚާބަށް 555 ޝަކުވާ މިހާތަނަށް ލިބިފައިވާއިރު، އެ ހުރިހާ ޝަކުވާއަކަށްވެސް އެޓެންޑު ވެވިފައިވާކަމަށް އެ ޕާޓީން ބުނެއެވެ.

- ކޮމެންޓް