އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އިސްކަންދަރު ސްކޫލާއި ހުރަވީ ސްކޫލް ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
މުބާރާތުގައި އިސްކަންދަރުން ވަނީ އެ ޓީމު ކުރިން ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ބުދަ ދުވަހުގެ ހަވީރު މާފަންނު އެއް ނަންބަރު ޓާފުގައި ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އިސްކަންދަރުންނެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޔޫސުފް އައިޝް މުޙައްމަދު އެވެ. މެޗުގެ ފުރަތަމަ ހާފު އިސްކަންދަރުން ނިންމާލީ ލީޑުގައި އޮވެގެންނެވެ. މެޗުން ހުރަވީ އަށް ޕޮއިންޓެއް ހޯދައިދިނީ އިދާމް އައްބާސް އެވެ. އޭނާ ލަނޑު ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ދެ މިނެޓުގެ ތެރޭގަ އެވެ.
މި ގްރޫޕްގައި ބުދަ ދުވަހުގެ ރޭ ގުރައިދޫ ސްކޫލާއި އަމީނިއްޔާ ސްކޫލް ވާދަކުރި މެޗު ގުރައިދޫން ކާމިޔާބުކުރީ 6-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އަމީނިއްޔާ އިންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޙުސެއިން ޝައިޙާން އިބްރާހީމް އެވެ. ނަމަވެސް ގުރައިދޫން ވަނީ ފަހަތުން އަރައި ހަ ލަނޑު ޖަހައިގެން މެޗު ކާމިޔާބުކޮށްފަ އެވެ. މެޗުގެ 31 ވަނަ މިނެޓުގައި ގުރައިދޫ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޙަސަން ރަޒާން އެވެ. އޭގެ ހަ މިނެޓު ފަހުން އެ ޓީމަށް ލީޑު ނަގައިދިނީ މޫސާ އައިލަމް އެވެ. އޭގެ ފަހުން ރަޒާން ވަނީ އިތުރު ދެ ލަނޑު ޖަހާ އޭނާގެ ހެޓްރިކް ހަމަކޮށްފަ އެވެ. އެއީ މެޗުގެ 47 ވަނަ މިނެޓާއި، 48 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުތަކުންނެވެ. ގުރައިދޫގެ ފަހު ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ޖެހީ އައިލަމް އެވެ.
މި ގްރޫޕްގެ އެއް ވަނައިގައި ކުއާޓާ ފައިނަލަށް ދަތުރުކުރީ އިސްކަންދަރު ސްކޫލް އެވެ. ދެ ވަނަ ލިބެނީ ގުރައިދޫ އަށެވެ. ތިން ވަނަ ހުރަވީ އަށް ލިބޭއިރު، ފުލުގައި އޮތީ އަމީނިއްޔާ އެވެ.