ޤައުމީ އަންހެން ވޮލީ ބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ކުލަބް އީގަލްސް ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ވެމްކޯ އިން ހޯދައިފި އެވެ.
ބުދަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅުނު ސެމީ ފައިނަލް މެޗު ވެމްކޯ އިން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ވެމްކޯ އިން ކާމިޔާބު ކުރީ 25-15 ގެ ބޮޑު ތަފާތަކުންނެވެ. ނަމަވެސް ޖެހިގެން އައި ދެ ވަނަ ސެޓުގައި މޮޅު ކުޅުމެއް ދައްކައި އީގަލްސް އިން ސެޓު ކާމިޔާބުކޮށް އުންމީދު ހޯދި އެވެ. އީގަލްސް އިން ދެ ވަނަ ސެޓު ކާމިޔާބު ކުރީ 19-25 އިންނެވެ. ތިން ވަނަ ސެޓުގެ ކުޅުން ވާދަވެރިކޮށް ފެނުނު ނަމަވެސް، ސެޓުގައި މޮޅަށް ކުޅުނީ ވެމްކޯ އިންނެވެ. އެ ޓީމުން ތިން ވަނަ ސެޓު ކާމިޔާބުކުރީ 25-20 އިންނެވެ. އެ ރޫޙުގައި ނުކުމެ ވެމްކޯ އިން ވަނީ 25-19 އިން ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޕަރަތިބާ މަލީ އެވެ.
މިއަހަރުގެ ޤައުމީ މުބާރާތުގެ ފައިނަލް އޮންނާނީ ހުކުރު ދުވަހުގެ ރޭ އެވެ. ފައިނަލްގައި ވެމްކޯ ނިކުންނާނީ ކުލަބް ވޮލީބޯލްއާ ދެކޮޅަށެވެ. މުބާރާތުގެ ލީގު ބުރުގައި މި ދެެ ޓީމު ވާދަކުރި މެޗު ކާމިޔާބުކުރީ ކުލަބް ވޮލީބޯލް އިންނެވެ.