ކ. މާލެ
|
25 ޖެނުއަރީ 2023 | ބުދަ 07:41
އިންޓަ ސްކޫލް މުބާރާތުގެ ތެރެއިން
އިންޓަ ސްކޫލް މުބާރާތުގެ ތެރެއިން
އެފްއޭއެމް
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
އަޙުމަދިއްޔާ އިން ޢަރަބިއްޔާ ބަލިކުރިއިރު، ހިރިޔާ ބަލިކޮށް ތާޖުއްދީނަށް ތިން ވަނަ މޮޅު
އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުން އަޙުމަދިއްޔާ މޮޅުވީ 1-0 އިން

އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ޢަރަބިއްޔާ ސްކޫލާ ދެކޮޅަށް ކުޅުނު މެޗުން އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް މޮޅުވެއްޖެ އެވެ.

މިއީ މުބާރާތުގައި އަޙުމަދިއްޔާގެ ތިން ވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ތާޖުއްދީން ސްކޫލާ ވާދަކޮށް ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ހިރިޔާ ސްކޫލާ ވާދަކުރިއިރު، އެ މެޗު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ. ޢަރަބިއްޔާ އިން ފުރަތަމަ މެޗުގައި ހިރިޔާ ސްކޫލާ ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ. ދެ ވަނަ މެޗުގައި ޢަރަބިއްޔާ ވަނީ ތާޖުއްދީނާ ވާދަކޮށް ބޮޑު ތަފާތަކުން ބަލިވެފަ އެވެ. އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުން އަޙުމަދިއްޔާ މޮޅުވީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު 56 ވަނަ މިނެޓުގައި ޖެހީ އަޙުމަދިއްޔާގެ ޙުސެއިން އާލް މުޙައްމަދު އެވެ.

މި ގްރޫޕްގައި އަންގާރަ ދުވަހުގެ ރޭ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލް ވާދަކުރި މެޗު ކާމިޔާބު ކުރީ ތާޖުއްދީން ސްކޫލް އެވެ. މިއީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ ޓީމުން ހޯދި ތިން ވަނަ މޮޅެވެ. ހިރިޔާގެ މައްޗަށް ތާޖުއްދީނުން ކުރި ހޯދީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޔޫނުސް ޚަލީލް ޢަބްދުﷲ އެވެ. ދެ ވަނަ ހާފުގައި ތާޖުއްދީނަށް ލީޑު ފުޅާކޮށްދިނީ މުޙައްމަދު ޝަމްހާން ފަޔާޟް އެވެ. މި މޮޅާއެކު ތާޖުއްދީނުން ވަނީ ފުރިހަމަ ރެކޯޑާއެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި، މުބާރާތުގެ ކުއާޓާގެ ކުޅުން ފަށާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް