ޕާކިސްތާނުގެ އަންހެނަކު ވަނީ އަންހެނުން ދަތުރުފަތުރު ކުރާއިރު ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރުން ހިމެނޭ ގޮތަށް ޓެކްސީ ސެންޓަރެއް ޤާއިމްކޮށް ޙިދުމަތްދޭން ފަށާފައެ
މި ޚިދުމަތް ތައާރަފުކޮށްފައި ވަނީ ޕާކިސްތާނުގެ އަންހެނެއް ކަމަށްވާ އަމްބްރީން ޝެއިޚް އާއި އޭނާގެ ފިރިމީހާ ޒައިދު ޝެއިޚްް އެވެ. ޚިދުމަތް ތައާރަފުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަމްބްރީން ބުނެފައިވަނީ ޓެކްސީގެ ޚިދުމަތް ތައާރަފުކޮށްފައިވަނީ ހަމައެކަނީ އަންހެން ކަސްޓަމަރުންނަށް ކަމަށާއި ދުއްވަން ތިބޭނީވެސް ހަމަ އަންހެން ޑްރައިވަރުން ކަމަށެވެ. އަދި ޕިންކު ޓެކްސީ ސެންޓަރަށް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށްގެންނާއި އަދި ފޯނާއި އެސްއެމްއެސް މެދުވެރިކޮށްވެސް ޙިދުމަތް ހޯދޭނެކަމަށެވެ.
ޕިންކު ޓެކްސީ ސެންޓަރުގެ ޑްރައިވަރުންގެ ޔުނީފޯމް ހުންނީ ކަޅު ކޯޓެއްލުމަށްފަހު ޕިންކު ބުރުގާއަކާއި އެއްކޮށެވެ. މި ޓެކްސީތައް ދުއްވުމުގައި ކިޔަވާ ކުދިންނާއި ކުދިން ބަލަހައްޓަމުންގެންދާ މަންމައިންނާއި ޒުވާން އަންހެން ކުދިން ހިމެނެއެވެ.
އަމްބްރީން ބުނީ މި ހިދުމަތް ތައާރަފުކުރުމުގެ ސަބަބުން ކުރިއަށް އޮތްތާގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރަ ކުޑަވެގެންދާނެކަމަށް ގަބޫލުކުރާކަމަށާއި މިހާރު އެއްވެސް ޖެހިލުމެއްނެތި އަންހެނުންނަށް ދަތުރުފަތުރު ކުރެވޭނެކަމަށެވެ.
އަމްބްރީން އިތުރަށް ބުނީ ކުރިއަށްއޮތް 4 މަސް ތެރޭގައި ޙިދުމަތްފުޅާވެގެންދާނެ ކަމަށާއި ފާކިސްތާނުގެ އެހެން އަވަށްތަކަށް ޕިންކް ޓެކްސީ ސާރވިސްގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ.
މިއީ ހަމަގައިމުވެސް އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް އެޅިގެންދިޔަ ނުހަނު މުހިންމު ފިޔަވަޅެއްކަން ޔަޤީނެވެ.