މިއީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރިއެއް ކަމަށާއި، ނަމަވެސް މި ޕްރައިމަރީގައި އެތަކެއް ކުލަތަކެއް ޖެހެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
އެމްޑިޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އއ. މާޅޮހަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ޕްރައިމަރީގައި އައިސް މިތިއްބެވެނީ ނިމުމުގެ މަގުމަތީގައި ކަމަށެވެ. އަދި ބާކީ އޮތީ ކެމްޕޭންކުރަން 4 ދުވަސް ކަމަށާއި، މިހާތަނަށް އައިއިރު (މިއީ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް) މީގެ ތެރޭގައި އެހެން ކުލަތައް އެބަޖެހޭ ކަމަށެވެ.
ވިސްނަވަންވާނެ މިކަމާ ދޭތެރޭގަ. ބައެއް ރަށްރަށުން އެކަންތައް ފެންނަމުން އެބަދޭ. ތިބޭފުޅުން ވިސްނަންވާނެ އެކަމުގެ މަގްސަދަކީ ކޮބައިތޯ. އެބޭފުޅުން ކުރައްވަން އުޅެނީ ކޮންކަމެއްކަން. ސާފުކޮށް، އެމްޑީޕީއަށް ވެރިކަމުގަ ދެމިތިބެވެން އޮތްކަން އެނގޭތީ، އެކަމަށް ހުރަސް އެޅެން އޮތް ކަންތައް އެކުރައްވަނީ.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް
ރައީސް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކިރިޔާވެސް އެބޭފުޅުންނަށް (އިދިކޮޅަށް) ވާދަކޮށްލެއްވެން އޮތީވެސް މީގެ ތެރެއަށް ވަދެވަޑައިގެން، މި ގަޑުބަޑުކުރައްވައިގެން ކަމަށް ފެންނާތީ އެބޭފުޅުން ނުކުމެ ތިބިކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ޓީމުން ތިއްބެވީ ވަރަށް ރަނގަޅު ޑިމޮކްރަޓިކް ނަމޫނާއެއް ދައްކަވައިގެން ކަމަށާއި، އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއް ކަމަށެވެ.
އަދި ޕާޓީ އެތެރޭގައި ހިންގާ ޕްރައިމަރީތައް ވާދަވެރިވާނެ ކަމަށާއި، މިހާތަނަށްވެސް އެކަންކޮށްފައި އޮތީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގެންދަވަނީ ނަމޫނާ ދައްކަވަމުން ކަމަށާއި، މި ޕްރައިމަރީވެސް ރާއްޖެއާއި ސިޔާސީ ޕާޓީތަކަށްވެސް ނަމޫނާއަކަށް ވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންވީމަ މީގެ ތެރެއަށް ވަދެ ގަޑުބަޑުކޮށް، ކިރިޔާވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގަ ވާދަކޮށްލެވޭނެ ފުރުސަތެއް އޮތްގޮތަށް އަނބުރާލުމަށްޓަކާ ކުރާ މަސައްކަތެއް އެއީ. ތިބޭފުޅުން ވިސްނަވަންވާނެ އެކަމާދޭތެރޭގަ. އެނގެން އޮތް ހަގީގަތަކީ މި ޕްރައިމަރީއާއެކީގަ އަޅުގަނޑުމެން މޮޅުވާނެ. މޮޅުވުމާއެކީގަ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކީގަ އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ މަގު މިއޮތީ. އެ ފޯމިއުލާ އެބައޮތް އަޅުގަނޑުމެން އަތުގަ. އެކަން ދައްކަމުން އަޅުގަނޑު މި އަންނަނީ.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް
ރައީސް ވިދާޅުވީ، އިދިކޮޅަށް މިކަންކަން ގަބޫލެއް ނުކުރެވޭނެކަމަށެވެ. އެހެންކަމުން މަތިވެރީ ދާއިރާއިން 28 ޖެނުއަރީގައި ލާ ވޯޓުގައި މިކަމާދޭތެރޭގައި ވިސްނަންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޚިޔާލު ފާޅުކުރުމާއި، ޝުއޫރު ފާޅުކުރުމާއި އެއްވެ އުޅުމަކީ މި ސަރުކާރު ވެރިކަމަށް އައިއިރު ބޮޑު ބިރެއްގެ ގޮތުގައި އޮތްކަމެއް ކަމަށެވެ. އެހެންނަމަވެސް 2018 ވަނަ އަހަރު ސަރުކާރު ވެރިކަމަށް އައުމަށްފަހު އެއްވެސް ހުރަހެއް ނެތި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ދެއްވިކަމަށެވެ.
އެހެންނަމަވެސް މީގެ ބޭނުން ހިފާއިރު ވިސްނަންޖެހޭ. ތިމާ ފާޅުކުރާ ޚިޔާލެއްގެ، އުފުލާ އަޑެއްގެ ނަތީޖާ ވެގެން ނުވާނެ، ޖެހިގެން ހުންނަ މީހާގެ ކަންފަތު ތޫރި ފޫއަޅުވާލާ އެއްޗެއްގެ ގޮތުގަ. އެހިސާބަށް ގޮސްފިއްޔާ ޖެހޭނީ އެއާ ދޭތެރޭގަ ވެރިކަމުގައި ތިބި ބަޔަކު ވިސްނަން. މިއަދު އަޅުގަނޑުމެންނަށް އެ މަންޒަރު އެބަފެނޭ. އެއްވެސް ހާލެއްގަ އެއްވެއުޅުން މަނާކުރާކަށް އަޅުގަނޑު ނެތިން. ޚިޔާލު ފާޅުކުރުން ހުއްޓުވާކަށްވެސް ނެތިން. ޝުއޫރު ފާޅުކުރަންވީ. އެހެންނަމަވެސް އެއީ ދެންތިބި މީހުންނަށް ދުއްތުރާލަކަށް ވެގެން ނުވާނެ.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް
ރައީސް ވިދާޅުވީ ޚިޔާލު ފާޅުކޮށް، އަޑުއުފުލައި، ކުރިއަށްގެންދަންވީ ކަމަށެވެ. އެ ވާހަކަތައް އަޑުއައްސަވަން ކެރިވަޑައިގަންނަވާނެ ކަމަށާއި، އެކަންކަން ހުއްޓުވަން ނޫޅުއްވާނެ ކަމަށެވެ. އެހެން މީހުން ހަރަކާތް ހިންގުމަށް ފުރުސަތު ދޭންވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މަތިވެރި ދާއިރާގައި ހިމެނޭ ރަށްތަކަށް މި ވޭތުވެދިޔަ 4 އަހަރު ތެރޭގައި 202 މިލިއަން ޚަރަދު ކުރެވިއްޖެކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުން ފަތްފުއްތައް ހުޅުވައި ބެލުމުން، ކުރިއާ މިހާރާ ހުރި ތަފާތު ވަރަށް ސާފުކޮށް ފެންނާނެ ކަމަށާއި، މިއީ އެ ދާއިރާއަށް މި ސަރުކާރުން ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިހުރި މަސައްކަތްތައް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަތިވެރި ދާއިރާގެ ރައްޔިތުން އެކަން ބަލައިގެންފި ކަމަށާއި، ބޭނުންވަނީވެސް މި މަޝްރޫއުތަކައިގެން ކުރިއަށް ވަޑައިގަންނަވަން ކަމަށެވެ. އަދި އެކަން ކުރެވެން އޮތް ގޮތަކީ ކޮބައިކަންވެސް އެ ދާއިރާގެ ރައްޔިތުން ގަބޫލުކުރާނެ ކަމަށާއި، އެއީ ވެރިކަމަށް އާދެވޭނެ ގޮތަކީ ކޮބައިކަން އެނގިތިބެ، އެއަށް ނޫނެކޭ ނުބުނެ، މި މަސައްކަތައިގެން ކުރިއަށް ދިއުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިރާދަކުރެއްވިއްޔާ ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ފެންނަ މަންޒަރާއެކު މި ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރައްވާއިރު، މަތިވެރި ދާއިރާގެ ހިއްސާ ބޮޑުކޮށް އޮންނާނެކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.