ކ. މާލެ
|
23 ޖެނުއަރީ 2023 | ހޯމަ 18:59
އެންޑީއޭ
އެންޑީއޭ
ރާއްޖެއެމްވީ
މަސްތުވާތަކެތީގެ ފަރުވާ
ހުކުމުން ސަލާމަތްވާން ފަރުވާއަށް އަންނަ މީހުންނަށް ފުރުސަތު ފަހިނުވާނެ ގޮތަކަށް ގާނޫނަށް ބަދަލު ގެންނަނީ
އެޓަރނީ ޖެނެރަލްގެ އޮފީހުން ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން
އެންޑީއޭގެ ފަރުވާ ދިނުމުގެ ނިޒާމަކީ ޔުނިވަރސަލް ނިޒާމަކަށް ބިނާކޮށްގެން ކުރިއަށް ގެންދެވޭ ކަމެއް

ހުކުމުން ފިލަން ފަރުވާއަށް އަންނަ މީހުންނަށް ފުރުސަތު ފަހިނުވާނެ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރމަން ޝަމާއު ޝަރީފް ވިދާޅުވީ ފަރުވާ ދިނުމުގައި މައްސަލަތަކެއް ދިމާވާ ކަމަށެވެ. ގާނޫނުގައި އޮތް ގޮތަށް ބަލާއިރު ފަރުވާ ހޯދުމަށް އަންނަ ފަރާތްތަކަށް ފަރުވާދޭން ޖެހޭ ކަމަށާއި، ގާނޫނު އިސްލާހު ކުރާ މަރުހަލާ ކުރިއަށްދާ ކަމަށެވެ. އޭގެ އިތުރުން ގާނޫނުގައި ބުނާ ޓެކްނިކަލް ކޮމިޓީ ފުރިހަމަކުރުމަށްޓަކައި ވެސް ކޮމްޕޮޒިޝަން އެކުލަވާލެވިފައިވާ ކަމަށާއި، ދެން އޮތީ މަސައްކަތްކޮށްލައިގެން ކޮމިޓީ އުފެއްދުން ކަމަށެވެ.

އެއިރުން ބޭނުންވާ ގޮތަށް ފިލްޓަރ ކުރެވިގެން އެކަމުގައި އަސްލު ބޭނުންވާ ފަރާތްތަކަށް އެސެސްމަންޓާ ހިސާބަށް އަޅުގަނޑުމެންނާ ހަމައަށް އަންނާނީ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރމަން ޝަމާއު ޝަރީފް

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސާލިހު ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު 2011 ވަނަ އަހަރު މަޖިލީހުން އަލުން ފާސްކޮށްފައިވާ އިރު، އޭގެ ފަހުން މި ހިނގައިދިޔަ 10-12 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައާއި، ގެންގުޅޭ ބާވަތްތަކާއި ވައްޓަފާޅި އަދި ހައްލުކުރުމަށް ބޭނުންވާ އެޕްރޯޗަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެކަން ގާނޫނުގެ ތެރެއިން ފެންނަންޖެހޭ ކަމަށާއި، އެޓަރނީ ޖެނެރަލްގެ އޮފީހުން ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެންޑީއޭއިން އެކަމަށް އެއްބާރުލުން ދެއްވަމުންދާ ކަމަށެވެ.

އިމާދު ވިދާޅުވީ ޖަލު ހުކުމުން ސަލާމަތްވުމަށްޓަކައި އެންޑީއޭ ނިވާފަތްގަނޑަކަށް ބޭނުންކުރާ ވާހަކައަކީ ވަރަށް ގިނައިން ދެކެވޭ ވާހަކައެއް ކަމަށެވެ އަދި އެންޑީއޭގެ ފަރުވާ ދިނުމުގެ ނިޒާމަކީ ޔުނިވަރސަލް ނިޒާމަކަށް ބިނާކޮށްގެން ކުރިއަށް ގެންދެވޭ ކަމެއް ކަމަށެވެ.

އަޅުގަނޑުމެންގެ ވިސްނުމަކީ ފަރުވާދޭ ނިޒާމް ބަދަލުވާންވީ އަމިއްލައަށް މިކަމަށް އެދިގެން އަންނަ މީހާއަށް އިސްކަންދެވޭނެ ގޮތަކަށް. ކޯޓުގެ ހުކުމަކާއެކީ އަންނަ މީހާއަށްވުރެ އަމިއްލައަށް އެދިގެން އިހްލާސްތެރިކަމާއެކު ފަރުވާ ބޭނުންވެގެން އަންނަ މީހާ އަށް ފުރުސަތު ތަނަވަސްކޮށްދިނުން މުހިންމު.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސާލިހު

ރާއްޖޭގައި ދޭ ފަރުވާގެ ނިޒާމުގައި މައްސަލައެއް ނެތް ނަމަވެސް އެ ޕްރޮގްރާމްތައް ތަންފީޒުކުރުމުގައި ގޮންޖެހުންތައް ހުރިކަން އިމާދު ފާހަގަކުރެއްވިއެވެ. އެގޮތުން، އަމިއްލައަށް އެދިގެން ފަރުވާއަށް ދާ މީހުންނާއި ކޯޓު ހުކުމުގެ ސަބަބުން ފަރުވާއަށް ދާން ޖެހޭ މީހުން ތިބޭއިރު 99 އިންސައްތަ މީހުންނަކީ ކޯޓު އަމުރުގެ ސަބަބުން ފަރުވާ ހޯދާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް