ގެދޮރުވެރިޔާ ޕްރޮގްރާމުގެ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅިގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމުގައި ސްކޭމް ކޯލްތައް ކުރާތީ ސަމާލުވުމަށް އެ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އެ މިނިސްޓްރީން އާދީއްތަ ދުވަހު ނެރުނު އިއުލާނުގައި ބުނީ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން ކަމަށް ބުނެ، ބައެއް ފަރާތްތަކަށް ގުޅައި ފޯމާއެކު ހުށަހަޅަންޖެހޭ ބައެއް ލިޔެކިޔުންތައް ހުށަނާޅައި ހުރިކަމަށް ވިސްނައިދީގެން މީހުންގެ ޒާތީ މައުލޫމާތު ހޯދަމުންދާ މައްސަލައެއް އެ މިނިސްޓަރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރީގެ ނަމުގައި ގުޅަމުން ދަނީ 9349119 ނަންބަރުން ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
މި ނަންބަރުން އެކި ފަރާތްތަކަށް ގުޅުމަށްފަހު ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅިއިރު، މަދުވާ ކަމަށް ބުނާ ލިޔުންތައް އަލުން ހުށަހެޅުމަށް ބުނާ ކަމަށް އެ މިނިސްޓަރީން ބުންޏެވެ. އަދި އެ ނަންބަރަށް ގުޅުމުން ޕްލޭނިންގ މިނިސްޓަރީގެ ރިސެޕްޝަނަށް ފޯނު ޑައިވާޓު ވާގޮތް ހަދާފައިވާ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
"ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމް" އަށް ފޯމު ހުށަހެޅުމުގެ ސުންގަޑި 15 އޮކްޓޯބަރު 2022 ވީ ހޮނިހިރު ދުވަހުގެ ރޭ 23:59 އަށް ހަމަވެފައިވާއިރު އޭގެ ފަހުން، މިހާތަނަށް އެއްވެސް ރައްޔިތެއްގެ މަޢުލޫމާތު ހޯދުމަށް ނުވަތަ ޑޮކިއުމަންޓެއް ހުށަހެޅުމަށް އެއްވެސް މުޢާމަލާތެއް އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފޯނުން ގުޅައިގެން އެއްވެސް މުޢާމަލާތެއް އެއްވެސް ފަރާތަކާއިއެކު އެ މިނިސްޓްރީން ކުރިއަށް ނުގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ސަރުކާރުގެ އެކި ވުޒާރާތަކާއި ބޭންކުތަކުގެ ނަމުގައި މީހުންނަށް ގުޅައި ޒާތީ މައުލޫމާތު އެއްކޮށްގެން ފޭރުމާއި ވައްކަން ކުރުމުގެ ކުށްތައް ވަނީ މިފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައެވެ.